މި ސަރުކާރުގެ އަދި ރައްޔިތުންގެ ވެސް އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ރާއްޖެ ބަނގުރޫޓް ނުވެ އޮތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސްގައި އޭނަ ވިދާޅުވީ ގައުމު ބަނގުރޫޓު ނުވުމަކީ ކާމިޔާބެއް ކަމަށާއި ބަނގުރޫޓު ނުވެ ހިފެހެއްޓެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ.
"މި ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ދެއްކި ވާހަކަ އެއީ އިދިކޮޅު ފަރާތްތަކުން، މިހާރު ވެސް ދައްކާ ވާހަކައެއް، މާދަމާ ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ، އަނެއް ދުވަހުން ބަނގުރޫޓުވާނެ ވާހަކަ، އަނެއް ދުވަހު ފައިސާ ހުސްވާނެ ވާހަކަ. އެކަމަކު އިރާދަކުރެއްވިއްޔާ ނުވެއެއްނޫންތޯ އެހެނެއް، ސައީދު ވިދާޅުވި އެވެ. "ދެން އެއީ ދިވެހި ރައްޔިތުންގެ ކާމިޔާބު. މިއަދުގެ ރައީސްގެ ފުރިހަމަ ވިސްނުންފުޅާއި ކެތްތެރިކަމާއެކު ކުރައްވާ މަސައްކަތުގެ ނަތީޖާ."
އޭނަ ވިދާޅުވީ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އެއްވެސް އެއްޗެއް ހުސްވިޔަ ނުދިނުން ކަމަށެވެ.
"ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް ސަރުކާރުން ކަށަވަރުކަން ހޯދަން މި ބޭނުން ވަނީ ތަކެތި. އެއްވެސް ބާވަތެއްގެ އެއްޗެއް ރާއްޖެއިން ހުސްވިޔަނުދީ ހުންނާނެކަން ޔަގީންކޮށް ދިނުން،" ސައީދު ވިދާޅުވި އެވެ. "އެއްވެސް އިރެއްގައި އަޅުގަނޑުމެން ބޭނުންވާނެ ކަމެއް ނޫން ތަކެތީގެ އަގު ބޮޑުވެގެންދިޔުމަކީ، އެއްވެސް އިރެއްގައި. އެހެންނަމަވެސް ހުރެދާނެ އަތް ނުޖެހޭ، ކޮންޓްރޯލް ނުވާނެ ކަންތައްތަކެއް ދުނިޔެއާ ގުޅިފައި ހުރި."