Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރާއްޖޭގައި ބާނާ ކަންނެލި މަހަށް އެމްއެސްސީ ސެޓްފިކެޓް

ރާއްޖޭގެ ރީނދޫ އުރަހަލީ ކަންނެލީގެ މަސްވެރިކަމަށް މެރިން ސްޓެވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓްފިކެޓް އަލުން ލިބިއްޖެ އެވެ.

މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ބުނީ މިއީ ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

މި ކާމިޔާބީއާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި، މަސްވެރިންނަށާއި މަސް ޕްރެސެސްކުރާ ސިނާއަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ރާއްޖޭގެ މައިގަނޑު މަސްވެރިކަމަކީ މިހާރު އެމްއެސްސީ ސެޓިފައިޑް މަސްވެރިކަމަކަށްވާ އިރު، މިއީ ދެމެހެއްޓެނިވި މަސްވެރިކަމުގައި ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށްފައިވެ އެވެ.

މި ސެޓްފިކެޓް ހާސިލުކުރެވުނީ ސަރުކާރާއި، މަސްވެރިކަމުގެ ސިނާއަތާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުންނެވެ. ވަކިން ހާއްސަކޮށް، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ކޮމިޝަން (އައިއޯޓީސީ) ގައި ރާއްޖެއިން ކުރި މަސައްކަތާއި، ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާކުރުމަށް ޖީ16 ގެ ގައުމުތަކާއި ކޯސްޓަލް ސްޓޭޓް އެލަޔަންސް ގުޅިގެން ކުރި މަސައްކަތް މި ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ މި ކުރިއެރުމުގެ ސަބަބުން ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި އިތުރު ފުރުޞަތުތަކެއް ފަހިވެ، ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ބާރަކަށް ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދިވެހިރާއްޖޭގެ ދޮށީގެ ކަނޑުމަސްވެރި ކަމަކީ 2012 ގައި އެމްއެސްސީ ސެޓްފިކެޓް ލިބިފައިވާ މަސްވެރިކަމެކެވެ. ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް 2014 ވަނަ އަހަރު އެ ސެޓްފިކެޓް ލިބުނު ނަމަވެސް، އިންޑިއާ ކަނޑުގެ ކަންނެލީގެ އާބާދީ މަދުވުމުގެ ސަބަބުން 2017 ގައި އެ ސެޓްފިކެޓް ސަސްޕެންޑްކުރި އެވެ.