ކުރިން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި އަބްދުއްޝުކުރޫ އަބްދުﷲ އަވަހާރަވެއްޖެ އެވެ.
އޭނަ އަވަހާރަވީ މިއަދުގެ ވަގުތެއްގައި އިންޑިއާގަ އެވެ. ޝުކުރޫ އަވަރާހަވުމާ ގުޅިގެން ފުލުހުންގެ އިދާރާ އިން ވެސް އޭނަގެ ހިދުމަތުގެ ހަނދާންތައް އާކޮށް އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ.
އަބްދުއްޝުކޫރު 43 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި އުޅުއްވި އެވެ.
އޭނަ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޝަކޫރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައެކުގައި ކަމަށެވެ.
އޭނަ އަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"[އެއީ] މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއް." ރައީސް ވިދާޅުވި އެވެ.