މި މަހުގެ ތެރޭގައި މާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމާފައިވާތީ ޕާޓް-ޓައިމްކޮށް މަސައްކަތް ކުރަން ބޭނުންވާ ޑްރައިވަރުން، ޑްރައިވަރުންގެ ޕޫލުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
އެމްޓީސީސީން މިއަދު ބުނި ގޮތުގައި ރަޖިސްޓްރީ ވާނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
ޓެކްސީ ލައިންގެ ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވެ އެވެ. އެއީ 122 ޕާޓް-ޓަައިމް ޑްރައިވަރުންނާއި 285 ފުލް-ޓަައިމް ޑްރައިވަރުންނެވެ.
ޑްރައިވަރުން ހޯދަން ދެ ފަހަރެއްގެ މަތިން އެމްޓީސީސީން ވަނީ މާލޭގައި ވޯކް-އިން-އިންޓަވިއު ވެސް ބާއްވައިފަ އެވެ. އެއީ ޖެނުއަރީ މަހާއި މި މަހު އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ އިލެކްޓްރޯނިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެގޮތުން ޓެކްސީ ލައިންގައި ތިން ސައިޒެއްގެ ވެހިކަލް ބޭނުން ކުރަން ހަމަޖެހިފައިވާ އިރު، މިއީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.
ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފަށާނެ ތާރީހެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު މި މަސް ނިމުމުގެ ކުރިން ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.