އެހެން ގައުމުތަކުގައި އަލަށް އުފައްދާފައިވާ އިންޓަނެޓް ރައުޓާތައް އެމެރިކާގައި މަނާކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ) އިންނެވެ. އެގޮތުން އެތަނުން އިއްޔެ ވަނީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެހެން ގައުމުތަކުގެ އުފެއްދުންތަކުގެ ލިސްޓެއް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އެހެން ގައުމުތަކުގައި އުފައްދާފައިވާ އިންނަޓެޓް ރައުޓާތައް އެމެރިކާގައި ބޭނުން ކުރުން މަނާވާނެ އެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ އެފަދަ ވަސީލަތެއްގެ ސަބަބުން ގައުމީ ސަލަމާތަށް ނުރައްކާވެދާނެކަމުގެ ބިރު އޮތުމެވެ.
އެފްސީސީން ބުނީ އެފަދަ ވަސީލަތްތަކުން އެމެރިކާގެ ގޭބިސީތަކަށް ސައިބާ އެޓޭކްތައް އައުމާއި ނެޓްވޯކްތަކަށް ވެސް ގެއްލުވުންވުމުގެ ބިރު އޮތް ކަމަށާއި މިކަން ވެސް ކުރިން ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
އެފްސީސީން ބުނި ގޮތުގައި މި ވަގުތު މަނާކުރަން ނިންމީ ބޭރުގައި އުފައްދާ އާ މޮޑެލްތަކުގެ ރައުޓާތަކެވެ. އެހެންވެ ކުރިން ވެސް ބޭނުން ކުރަމުން އައި ބިދޭސީ ރައުޓާތައް ބޭނުން ކުރެވޭނެ އެވެ.

އެމެރިކާގެ ވަަރަށް ގިނަ ބަޔަކު ވިޔަފާރިކުރާ މަޝްހޫރު އޮންލައިން ފިހާރަ، އެމެޒޯންގައި އެންމެ ގިނައިން ވިކޭ ރައުޓާތަކުގެ ތެރޭގައި ޗައިނާގެ ބްރޭންޑެއް ކަމަށްވާ ޓީޕީ-ލިންކް ރައުޓާ ހިމެނެ އެވެ.
އެފްސީސީން ބުނި ގޮތުގައި އެހެން އެއްވެސް ގައުމަކުން ދެން އެމެރިކާ ރައުޓާ އެތެރެކުރާ ނަމަ އެކަމުގެ ހުއްދައެއް އެތަނުން ހޯދަން ޖެހޭނެ އެވެ.