ރަމަޟާން މަސް ފެށުމާ އެކު ހެޔޮކަމަށް މީސްތަކުން އަވަސްވެގަތް ތަން ފެނުނެވެ. އަޅުކަމުގައި އެކަކު އަނެކަކު ވާދަކުރާ ތަން ވެސް ފެނުނެވެ. އެއް ބަޔަކު ނަމާދުގައި ފުރަތަމަ ސަފު ހޯދުމަށް ގަދައަޅައި މަސައްކަތްކުރި އެވެ. އެހެނީ އެބައި މީހުންނަށް ފުރަތަމަ ސަފުގެ މާތްކަން އިނގެއެވެ. އަނެއް ބަޔަކު މުސްޙަފް ކިޔެވުމުގައި ވާދަކުރި އެވެ. މާތް ﷲ ގެ ރަޙްމަތުން ގިނަ ބަޔަކު ސުވަރުގޭގެ އަހުލުވެރިންގެ ލިސްޓުގައި ލިޔެވުނުކަމަށް އުއްމީދު ކުރަމެވެ. ދުޢާއަކީ އެ ލިސްޓުގައި އަޅުގަނޑުމެންގެ ނަން ވެސް ލިޔެވިފައިވުމެވެ.
އަޅުކަމާއި ބަރާކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެގެން ހިނގައްޖެ އެވެ. ޢީދަށް ހަނދު ބެލުމާ އެކު ޝައިޠާނުންތައް ކަސްތޮޅުން ނެއްޓިއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. އެހެނީ ޢީދު ފާހަގަ ކުރުމުގެ ނަމުގައި ޙަލާލެއް ޙަރާމެއް ބެލުމެއް ނެތި އުފަލާއި މަޖަލަށް މީސްތަކުން ޣަރަޤުވެގެންދިޔައެވެ. ރޯދަމަހު ހެޔޮ ޢަމަލެއް ކުރިކަން ހަނދާންވެސް ނެތްފަދައެވެ.
ރޯދަމަހުގައި ކުރެވުނު ނަމާދާއި ނެރުނު ޒަކާތާއި އެހެނިހެން އަޅުކަންތައް ޤަބޫލުކުރެވުނުކަމުގެ އިޙްސާސް ތިބާއަށް ވޭހެއްޔެވެ؟ އެއިޙްސާސް ނުކުރެވޭނަމަ ރޯދަމަހަށްފަހު ތިބާ އާއި ތިބާގެ ވެރި ރައްބާއި ދެމެދު އޮތް ގުޅުން ދިރާސާކޮށްލާށެވެ. ރޯދަ މަހުގައި އޮތް ގުޅުން މިއަދު ހީނަރުވެފައިވާ ނަމަ ދަންނާށެވެ. ތިބާ ﷲ އަށް ބިރުވެތިވާށެވެ!
މާތް ﷲ ބައްލަވާވޮޑިގެންވާކަމަށް ޤަބޫލުކޮށް ސިއްރުން ނަމަވެސް ކާއެއްޗެއް ނުކަމެއް ނޫން ހެއްޔެވެ؟ އެކަލާނގެ ޞަވާބާއި ރަޙުމަތަށް އެދި ހެޔޮ ކަންތައްތައް ކުރީމު ނޫން ހެއްޔެވެ؟ ދަންނާށެވެ! ރޯދަމަސް ވަކިވެ ދިޔަ ނަމަވެސް، ރޯދަމަހުގެ ވެރި އިލާހުއީ ދާއިމަށް ދިރިދެމިވޮޑިގެންވާ މަރުވުމެއް ނުވާ ރަސްކާލަނގެއެވެ.
އެހެން ކަމުން ބާކީ އޮތް 11 މަހުގަ އިވެސް އެކަލާނގެއަށް އަޅުކަންކުރުން ވާޖިބުވެގެންވެ އެވެ. ގަދައަޅައި މަސައްކަތް ކުރާށެވެ. ސުވަރުގެ އެދޭ މީހާއަށް ވަރުގަދަ އަޒުމާއި ހިތްވަރު ބޭނުންވާނެ އެވެ.
މާތް ﷲ އަށް އަޅުކަން ކުރުމަކީ ވަކި މޫސުމަކަށް ޚާއްސަވެފައިވާ ކަމެއް ނޫނެވެ.
وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ {–15:99}
މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް يقين ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!”
ތިބާގެ ރީތިކަމާއި، ހަށިގަނޑުގެ ވަރުގަދަކަމާއި މުދާ ފެނިފައި ތިބާ ﷲ ގެ މަގުން ހެއްލިގެންނުދާށެވެ. އަވާމެންދުރަށް ހެއްލުމަކީ މޮޔަކަމެކެވެ. ރީތިކަން ފަނޑުވެދެއެވެ. މުސްކުޅިވުމާއިއެކު ހަށިގަނޑުގެ ބާރު ނެތިދެއެވެ. ކިތަންމެ މުދަލެއް ލިބިފައިވިޔަސް، ﷲ ގެ މަގުގައި ހޭދަ ނުކުރާނަމަ މަންފާއެއްނެތެވެ. މުދާތައް ހިފައިގެން ކައްވަޅަކަށް ނުދެވޭނެއެވެ.
ކައްވަޅަކީ އެއްބަޔަކަށް ބިރުވެރި ނާމާން އަނދިރި ތަނެކެވެ. އަދި އަނެއް ބަޔަކަށް އަލިވެގެންވާ ހިތްހަމަޖެހުން ލިބިގެންވާ ތަނެކެވެ. ކައްވަޅުގެ އިމްތިޙާނުން ފާސްވެއްޖެ މީހާ ކާމިޔާބުވެއްޖެކަން ޔަޤީނެވެ. އެކާމިޔާބީއަށް އެދޭ މީހާއަށް އޮތީ ރޯދަމަހުގައިވެސް އަޅުކަން ކުރިފަދައިން، އިޚްލާސްތެރިކަމާ އެކު މާތް ﷲ އަށް ބޯލަނބައި ކިޔަމަންވުމެވެ.
ފަރުޟު ފަސް ނަމާދު ބަރާބަރަށް ޤާއިމްކުރުމެވެ. އެހެނީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލުވެވޭނީ ނަމާދާއި ބެހޭ ގޮތުންނެވެ. އެސުވާލުން ފާސްނުވެއްޖެނަމަ ތިބާއަށް ނަރަކަ ޙައްޤުވެއްޖެއެވެ. އެއީ އަނދައަނދާ ހުންނަ އަލިފާނެވެ. އެތަނުގެ ދަރަކީ މީހުންނާއި ހިލައެވެ. ނަމާދު ނުކޮށް ކިތަންމެ ގިނަ ހެޔޮކަމެއް ކުރިއެއްކަމަކު ފައިދާއެއް ނުކުރާނެއެވެ.
އެހެންކަމުން، އަޅުކަމަށް ފަރުވާ ކުޑަ ނުކުރަމާ ހިނގާށެވެ. މިއަދު ކުރި ހެޔޮކަމަކުން މެނުވީ މާދަމާ މަންފާއެއް ނުކުރާނެއެވެ.
ރަމަޟާން މަހަށް ފަހު ކުރެވިދާނެ ބައެއް އަޅުކަންތައްތަކަށް ބަލާއިރު:
1. ފަރުޟު ފަސް ނަމާދު އޭގެ ވަޤުތުގައި ޤާއިމްކުރުން
2. ސުންނަތްކަން ގަދަވެގެންވާ ރަވާތިބް ސުންނަތުގެ 12 ރަކުޢަތް ކުރުން (ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކުޢަތް، މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކުޢަތް އަދި މެންދުރު ނަމާދާއި މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކުޢަތް)
3. މަހަކު އެއް ފަހަރު ޚަތިމް ކުރުން
4. ޟުޙާ ނަމާދު ކުރުން
5. ވިތުރި ކުރުން
6. މަހަކު ކޮންމެވެސް ވަރެއް ޞަދަޤާތްކުރުން
7. ﷲ ގެ ނަންފަޅު ގަނެވޭ ނަޞޭޙަތުގެ މަޖްލިސްތަކަށް ދިއުން
8. ދަމު ނަމާދުކުރުން
9. ހޯމަ އަދި ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފުން
10. ކޮންމެ ހުކުރު ދުވަހަކު ކަހަފް ސޫރަތް ކިޔެވުން
އަދިވެސް މިފަދަ އެތައް ކަމެއް ކުރެވިދާނެއެވެ. ސަމާލުކަން ދޭންވީ އެއްކަމަކީ ކިތަންމެ ކުޑަ ހެޔޮކަމެއް ނަމަވެސް ދޫކޮށްނުލުމަށެވެ. އަދި ދާއިމަށް އެކަމެއް ކުރުންމަތީގައި ދެމިހުރުމަށެވެ.
ރޯދަމަސް ނިމިދިޔަ ނަމަވެސް އަޅުގަނޑުމެންގެ ވެރި ރައްބަށް އަޅުކަންކުރުން ހުއްޓާނުލާށެވެ. ހެޔޮ ކަންތަކަށް ވާދަކުރުންވަނީ ހަމައެކަނި ރަމަޟާން މަހުގައި ކަމަށް ނުހަދާށެވެ. ކަސްތޮޅުން ސަލާމަތްވެގެން އަންނަ ޝައިޠާނުންގެ ވަސްވާސްތަކަށް ހެއްލިގެން ނުދާށެވެ. މާތް ﷲ، އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާށި. އާމީން.
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.