ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ސްރީ ލަންކާގައި ހުޅުވުމަށް ލައިސަންސް ހޯދުމަށް ގައުމުގެ ސެންޓްރަލް ބޭންކުގައި އެދިފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު މިރޭ ވިދާޅުވީ ބޭރު ގައުމެއްގައި ބޭންކުގެ ބްރާންޗެއް ހުޅުވާއިރު، ބޭންކުގެ ރައުސްމާލު ރަނގަޅުވާން ޖެހޭ ކަމަށެވެ.
"ބޭރު ގައުމުތަކުގައި ކެޕިޓަލް ރިކުއާމެންޓް ފުދޭ ވަރަކަށް ބޮޑު ދެއްތޯ. ދެން ރެޕް އޮފީހެއް ކަހަލަ ތަނެއް ހުރެދާނެ. އެކަމަކު އަޅުގަނޑުމެންނަށް ސްރީ ލަންކާގައި ބްރާންޗެއް ހުޅުވިދާނެ ކަމަށް ގަބޫލުކުރެވޭތީ ބްރާންޗެއް ހުޅުވަން އަޅުގަނޑުމެން ލައިސެންސަށް އެދިފަ ވާނީ، އަޅުގަނޑުމެން ޕްރޮޕޯސަލްތައް ހުށަހަޅާފަ މިހާރު ވާނީ" ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލްގެ ކެޕިޓަލް މިހާރު ހުރީ 16 ބިލިއަން ރުފިޔާގައި ނަމަވެސް ރާއްޖޭން ބޭރުގައި ބްރާންޗެއް ހުޅުވާއިރު ކެޕިޓަލް އެއަށްވުރެވެސް މަތިވާން ޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ވަނީ 2.5 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބީއެމްއެލްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ހިންގަމުންނެވެ.