ބީއެމްއެލް އިން އަޅާ އެފޯޑަބްލް ހައުސިންގެ އަގުހެޔޮ ފްލެޓްތަކުގެ ކުއްޔަކީ ގާތްގަޑަކަށް 10،000 ރުފިޔާކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 3،260 ފްލެޓު އިމާރާތްކުރަން ވަނީ ނިންމާފަ އެވެ. އެ މަޝްރޫއު ހަވާލުކުރީ ޗައިނާ މެޝިނަރީ އިިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެވެ. އެއީ 2028ގެ މެދެއްހާ ހިސާބުގައި ނިންމާ ގޮތަށެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކުލީގެ ގޮތުގައި ނަގާނެ އަދަދެއް މިހާތަނަށް އަދި ނުނިންމާ ކަމަށާއި އެހެންނަމަވެސް ހިސާބުތަކަށް ބަލާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓެއް 10،000ރ. އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.
"މިހާރުގެ މާކެޓްގައި ތިން ބެޑްރޫމް އެޕާޓްމެންޓެއްގެ އަގު މި އުޅެނީ 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަގެއްގައި. އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ނޫންތޯ. ދެން އަނެއްކާ އަޅުގަނޑުމެން މުޅިންވެސް ހަދަމުން މިދަނީ ތިން ރޫމްގެ އެޕާޓްމެންޓްތައް." ޝަރީފް ވިދާޅުވި އެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި 3،000 އަށްވުރެ ގިނަ ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.