Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

ރައީސް، އޮބާމާ އަށް ތަހުނިޔާ ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ބަރަކް އޮބާމާ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން، މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން، ރައީސް އޮބާމާ އަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް، އޮބާމާ އަށް ފޮނުއްވި މެސެޖްގައި، އެމެރިކާގެ 44 ވަނަ ރައީސަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައި ވެ އެވެ.

ރައީސް އޮބާމާގެ މި ކާމިޔާބީއިން ރަމްޒުކޮށްދެނީ، ފާއިތުވެދިޔަ ދައުރުގައި އެމަނިކުފާނުގެ ސަރުކާރުން ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރު ކަމަށާއި، އެމެރިކާ ރައްޔިތުންގެ ހިތްތަކުގައި ރައީސް އޮބާމާއަށް އޮތް ތާއީދާއި އިތުބާރު ކަމުގައި ވިދާޅުވެފައިވެ އެވެ.
އަދި ރައީސް އޮބާމާގެ ޒަޢާމަތުގައި، އެމެރިކާ މި ދަތުރުކުރަނީ، އާ މިޞްރާބަކަށް ކަމަށާއި، މިކަމުން ބައިނަލްއަޤްވާމީ މަޞްރަޙަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

އަދި ދިވެހިރާއްޖެ އާއި އެމެރިކާ އާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ބަރަކް އޮބާމާގެ ޒަޢާމަތުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.