Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޕްރޮޑިއުސަރު ޝަފީގް ވެސް ސިޔާސީ މަގާމަކަށް

ރާއްޖޭގެ ފިލްމު ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ވެސް ސިޔާސީ މަގާމަކަށް އައްޔަންކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތީގައި އޮއްވައި ސަރުކާރުން އެކި މިނިސްޓްރީތަކާއި އެކި ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދަމުން އަންނަކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.

ޔޫތު މިނިސްޓްރީ އަށް މި ފަހުން ވެއްދި ސިޔާސީ މުވައްޒަފުންގެ ތެރެއިން އެކަކީ ޕްރޮޑިއުސަރު ޝަފީގް އެވެ. އޭނަ އައްޔަންކުރީ ޔޫތު މިނިސްޓްރީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. ޝަފީގުއާއާ އެކު އިތުރު ދެ މީހަކު ވެސް އެ މަގާމަށް އައްޔަންކޮށްފައިވެ އެވެ.

ޔޫތު މިނިސްޓްރީ އަށް އަލަށް ވެއްދި މީހުންގެ ތެރޭގައި ކުރީގެ ނެށުންތެރިޔާ ޑިސްކޯ އަހުމަދު ސަލީމް ވެސް ހިމެނެ އެވެ. އޭނަ އައްޔަންކުރީ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށެވެ. ސަލީމްގެ އިތުރުން ވެސް އިތުރު މީހަކު ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފައިވާ އިރު، މަޝްހޫރު މިއުޒިކް ޑައިރެކްޓަރު މުހައްމަދު އިކްރާމް ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.

ޔޫތު މިނިސްޓްރީން އަލަށް ވަޒީފާ ދިން މީހުންގެ ތެރޭގައި ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ދެ މީހަކު ވެސް ހިމެނެ އެވެ.

ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ޝަފީގް މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވެ އެވެ. އޭނަ އާންމުކޮށް ފިލްމުތައް ގެނެސްދެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާ ގުޅިގެންނެވެ. ޝަފީއު ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ކޮސް ގިނަ މިސްޓޭކް އެވެ.

އޭނަ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސާޔާ، ޖޯކަރް، ހެހެސް، ފޯޓީ ޕްލަސް، ނޯޓީ ފޯޓީ، އަދި ބައިވެރިޔާ ފަދަ ފިލްމުތައް ހިމެނެ އެވެ.