އެމެރިކާ އާއި އިޒްރޭލުން މިހާތަނަށް އީރާނަށް ކުރާހާ ޖެއްސުމެއްގައި ސައޫދިއަރަބިއާ ކޮންމެވެސް އެއްސިފައެއްގައި ބައިވެރިވެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި އުދުވާންގައި އިޒްރޭލުން އީރާނަށް ބޮންއެޅުމަށް ދަތުރުކުރާ ހަނގުރާމަމަތީ މަތިންދާބޯޓްތަކަށް ތެޔޮ އަޅައިދެނީ ސައޫދިއަރަބިއާގައި ހުންނަ އެމެރިކާގެގެ ބޭސްތަކުން ފުރައިގެންދާ މަތިންދާބޯޓް ތަކުންނެވެ.
އެމެރިކާއިން ސީދާ އީރާނަށް ދޭ ހަމަލަތަކުގައި ވެސް ސައޫދިއަ ރަބިއާގެ ވައިގެ ސަރަޙައްދު ބޭނުންކުރެ އެވެ. މިކަން އީރާނަ ށްވެސް އެނގެއެވެ.
އީރާނުގެ ހަކަތައިގެ ސިނާޢަތަށް ހަމަލަ ދީފި ނަމަ، އޭގެ ރައްދުގައި ގަލްފުގެ ގައުމުތަކުގައި ހުންނަ އެމެރިކާގެވެސް މަސްލަޙަތު އޮންނަ ހަކަތަ އުފައްދާ ސިނާޢަތްތަކަށް ހަމަލަދޭނެ ވާހަކަ އީރާނުން ދުރާލާ އިންޒާރު ދިނެވެ. އީރާނުން ކޮންމެ ހަމަލައެއްވެސް ދެނީ ދުރާލާ އިންޒާރު ދިނުމަށްފަހުއެވެ. ހަމަލަ ދިނުމުގެ ކުރީން މީހުން އެތަނެއްދޫކޮށް ދިއުމަށްވެސް އިންޒާރު ދެއެވެ.
ސައޫދި އަރަބިއާގެ ހަކަތައިގެ މަރުކަޒަކަށް އީރާނުގެ މިސައިލުތަކުން ހަމަލަ ދީ ހަލާކުކޮށްލުމުން ސައޫދިއަރަބިއާގެ ޚާރިޖީވަޒީރުއަށް މުސްލިމު ގައުމަކުން އަނެއް މުސްލިމު ގައުމަކަށް ހަމަލަދިނުމަކީ ދީން ހުއްދަ ނުކުރާ ކަމެއް ކަމަށް ވިދާޅުވެވިއްޖެއެވެ.
އެކަމަކު ސައޫދި އަރަބިއާއިން ވަނީ ޔަމަނުގެ މުސްލިމުންގެ ބޮލަށް ބޮންއަޅައި ތިންލައްކަ ހަތްދިހަ ހަތްހާސް މުސްލިމުން މަރާލާފާ އެވެ. ސައޫދީ ސިފައިން ޔަމަނުގައި އެތައްލައްކަ މުސްލިމުން ހަމައެކަނި މަރާލީއެއްވެސް ނޫނެވެ. އެގައުމުގެ އިޤްޠިސާދުވެސް ހަލާކޮށްލާ ގައުމުގެ މުހިއްމު ތަންތަނަށްވެސް ބޮން އަޅައި ބިމާ ހަމަކޮށްލީއެވެ.
ޔަމަނުގެ 528 ހާސް ކިލޯމީޓަރުގެ ސަރަޙައްދަށް ނިސްބަތްވާ 36 މިލިޔަން މުސްލިމުން ފަޤީރުކަމުގައި ދިރިއުޅެނީ ސައޫދިއަރަބިއާގެ ނޭއްގާނީ އަމަލުތަކުގެ ސަބަބުންނެވެ.
* 1920-1922 އަހަރާ ދެމެދު ސައޫދި އަރަބިއާ އިން ވަނީ ކުވެއިތަށް ހަމަލާ ދީފަ އެވެ.
* 1922-1924 އާދެމެދު ސައޫދީ އަރަބިއާ އިން އުރުދުންއަށް ހަމަލަ ދިނެވެ.
* 1952-1955 އާދެމެދު ސައޫދި އަރަބިއާ އޮމާން އަށް ވެސް ހަމަލާ ދިނެވެ.
\
މިއިން ކޮންމެ ހަނގުރާމައެއްގައިވެސް އެގައުމުތަކުގެ އެތައް މުސްލިމުންނެއް މަރާލުމުގެ އިތުރުން އެގައުމުތަކުގެ ބިން ފޭރިގަނެ ސައޫދިއަރަބިއާގެ ބިމުގެ ތެރޭގައި ހިމަނައި ސައިޒް ބޮޑުކުރަމުން ގޮސްފައިވެއެވެ.
އެހެންކަމުން ސައޫދިއަރަބިއާ އަކީ އަވަށްޓެރި އަރަބި ގައުމުތަކަށްވެސް ރައްކާތެރި ގައުމެއް ކަމަކަށް ފާއިތުވި އަހަރުތަކުގައި ވެފައެއް ނެތެވެ. މިގައުމު އުފެދުނީ 1932 ވަނަ އަހަރު އެވެ.
ސައޫދި އަރަބިއާއިން އިސްލާމީ ދުނިޔޭގެ ކުދި ގައުމުތަކުގެ މައްޗަށްވެސް ނުފޫޒު ހިންގައި ސައޫދީގެ އަމިއްލަ އެޖެންޑާ ހާޞިލް ކުރުމަށް އެ ގައުމުތަކުގެ ނަހަމަ ބޭނުން ކުރެއެވެ. މިސާލަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދިއަރަބިއާގެ ނުތަވަސްކަން އީރާނާއި ޤަޠަރާމެދު އުފެދުނު މައްސަލައެއްގައި ރާއްޖެއިން އީރާނާ ޤަޠަރާ އެއްފަހަރާ ސިޔާސީ ގުޅުން ކަނޑާލިއެވެ. މިއީ ރާއްޖެ ފަދަ ގައުމެއް ކޮށްގެން ނުވާނެ ކަމެކެވެ.
މާތްވެގެންވާ މައް ކާއާއި މަދީނާގެ އިޚުތިޞާސް ލިބިގެންވަނީ ސައޫދީ އަރަބިއާއަށް ކަމަށްވާތީ، އިސްލާމީ އުއްމަތް އެއްބައިވަންތަކުރާ ލީޑަރެއްގެ ޒިންމާ އުފުލުމަށް އުއްމަތުގެ އެންމެހާ މުސްލިމުން އެގައުމުގެ ލީޑަރޝިޕްގެ މައްޗަށް އުއްމީދު ކުރެއެވެ. ނަމަވެސް މިފަދަ ޒިންމާއެއް އެއްވެސް މިންވަރަކަށް ސައޫދީއަށް ނެގިފައި ނުވެއެވެ. ސައޫދީން އިސްވެ ކޮންޓްރޯލް ކުރަނީވެސް ބައިބައިވުމަށް މަގުފަހިވާގޮތަށް ހިންގާ ކޯލިޝަނެކެވެ.
ކަން މިހެން އޮތް ނަމަވެސް، މިއަދުގެ ހަޤީޤަތަކީ ސައޫދި އަރަބިއާ އާއި އީރާނަކީ މެދުއިރުމަތީގެ އެންމެ ބިޔަ، އަދި އެންމެ ބާރުގަދަ ދެގައުމު ކަމާމެދަކު ޝައްކެއްނެތް ކަމެވެ. އެހެންކަމުން އިސްލާމީ އުއްމަތަށް ކުޑަވެސް ލޯތްބެއްވާ ނަމަ އީރާނާއެކު ދުޝަމަނުގެ ނަޒަރުން ނުބަލައި ދީނީ ޚިލާފަތު އެއްކައިރިކޮށްލުމަށް ފަހު، އުއްމަތުގެ ހައްޤުޤައި މަސައްކަތް ކުރަންޖެހެ އެވެ. އިސްލާމީ އުއްމަތް ވަރުގަދަވާނީ މިދެގައުމު އެކީގައި މަސައްކަތްކޮށްގެންނެވެ.
ނޯޓް: މިއީ އަހުމަދު ސައީދުގެ ލިޔުއްވުމެކެވެ.