ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން އައްޑު އަށް ކަނޑައަޅާފައިވާ "އަފިރިންގެ އައްޑޫ ތަސައްވުރު" ލޯންޗް ކުރުން މާދަމާ ރޭ ބާއްވަން ނިންމައިފަ އެވެ.
މިކަމަށްޓަކައި ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ އެމްޑީޕީގެ ހިތަދޫ ހަރުގޭގަ އެވެ. އެ ޖަލްސާ ފަށާނީ ރޭގަނޑު 9:00 ގަ އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މިހާރުގެ މޭޔަރާއި ބައެެއް ކައުންސިލަރުން ވެސް ވާދަކުރައްވަ އެވެ. އޭގެ ތެރޭގައި މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އަލީ ނިޒާރު އަންނަނީ ވާދަކުރަމުންނެވެ.
މިހާރުގެ ކައުންސިލަރުންގެ ތެރެއިން ދެވަނަ ދައުރަކަށް ވާދަކުރައްވާ ކައުންސިލަރުންގެ ތެރޭގައި ހިމެނެނީ މެދުވަލު ދާއިރާ އަށް ވާދަކުރައްވާ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ކޮރަވަލު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝިނާޒާއި ރަސްގެދަރި ދާއިރާ އަށް ވާދަކުރައްވާ ހުސައިން ޒަރީޒާއި މާމެންދޫ ދާއިރާ އަށް ވާދަކުރައްވާ އައިމިނަތު އަދާލާގެ އިތުރުން މޫލެކެޑެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ސައީދެވެ.
ސައީދު އެ ދާއިރާ އަށް ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓްގަ އެވެ.
އައްޑޫ ސިޓީ ކައުންސިލް ވުޖޫދަށް އައި ދުވަހުން ފެށިގެން އެމްޑީޕީން މެޖޯރިޓީ ދަމަހައްޓަމުން އަންނަ އިރު، ޕީއެންސީން މި ފަހަރު އަމާޒު ހިފާފައި އޮތީ މެޖޯރިޓީ ގެއްލުވާލައި، އެ ޕާޓީ އަށް މެޖޯރިޓީ ހޯދުމަށެވެ.
ނަމަވެސް އެމްޑީޕީން ބުނަމުން އަންނަނީ ކައުންސިލް އިންތިހާބު އެ ޕާޓީ ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.