Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ޕަހަލްގަމް ހަމަލާ ހިމަނައިގެން ފިލްމެއް

އެކްތާ ކަޕޫރް.

ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމް އަށް މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާ ހިމަނޭ ގޮތަށް '

    ދަ ޓެރާ ރިޕޯޓް' ގެ ނަމުގައި ބޮލީވުޑުން ފިލްމެއް އިއުލާންކޮށްފި އެވެ.

    މިއީ އެކްތާ ކަޕޫރްގެ ބާލާޖީ އާއި އަތުލް ކަސްބޭކަރްގެ އެލިޕްސިސް އެންޓަޓައިންމަންޓްގެ އިތުރުން ސުދީރު ޗައުދަރީގެ އެސްޕްރިޓް ޕްރޮޑަކްޝަން ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. 'ދަ ޓެރާ ރިޕޯޓް' އަކީ އެކްތާ ޕްރޮޑިއުސްކޮށް 2024 ގައި އެކްޓަރު ވިކްރާންތު މަސީއާ އެކު ގެނެސްދިން 'ދަ ސަބްރަމާތީ ރިޕޯޓް' އާ ވެސް ގުޅުވައިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

    އެގޮތުން އާ ފިލްމުގައި 1998-2025 އަށް އިންޑިއާ އަށް ދީފައިވާ ޓެރަރިސްޓް އެކިއެކި ހަމަލާތަކުގެ އުސްއަލިތަކަށް އަލިއަޅުވައިލާނެ އެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާ އަކީ މިދިޔަ އަހަރުގެ ކުރިކޮޅު ޕަހަލްގަމް އަށް ދިން ހަމަލާގައި 26 މީހަކު މަރުވި ހާދިސާ އެވެ.

    އެ ހާދިސާ ހިމަނައިގެން ހަދަން އިއުލާންކުރި 'ދަ ޓެރާ ރިޕޯޓް' ގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2021 ގެ ކާމިޔާބު ފިލްމު 'ޝޭރްޝާ' ގެނެސްދިން ވިޝްނޫ ވަރުދާނެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ ހިމަނައިގެން ގެނެސްދިން އެ ފިލްމަކީ އިންޑިއާ ޕާކިސްތާނާ ދެމެދު 1999 ގައި ހިނގި ކަރްގިލް ހަނގުރާމައިގައި މަރުވި އިންޑިއާގެ ސިފައިންގެ ބަތަލު ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދިން ބައޮގްރިކަލް ހަނގުރާމަ ފިލްމެކެވެ.

    ވިޝްނޫގެ 'ދަ ޓެރާ ރިޕޯޓް' އިއުލާންކުރި ނަމަވެސް މީގެ ކާސްޓުންނަކީ ކޮބައިކަމާއި ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

    ޕަހަލްގަމް ހަމަލާ ވެސް ހިމަނައިގެން ހަދާ ފިލްމުގެ ޝޫޓިން އަށް ތައްޔާރީތައްވަމުން އަންނަ އިރު، އެ ހަމަލާ އަށް ބިނާކޮށް 'އޮޕަރޭޝަން ސިންދޫރު' ގެ ނަމުގައި ވެސް ފިލްމެއް ހަދަން އުޅޭކަމުގެ އަޑުތަކެއް ވެސް އޮތީ އަރައިފަ އެވެ.