މި ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފަށަން އުޅޭތީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެ ނިންމެވުމަށް ތައުރީފު ކުރައްވައިފި އެވެ.
މި ސަރުކާރުން މިހާރު ސަފީރެއްގެ މަގާމު ދިފައިވާ މަހުލޫފް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ސަރުކާރުން މާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ތައާރަފު ކުރަން ނިންމުމަކީ ރައީސް ޑޜ. މުހައްމަދު މުއިއްޒުގެ ވަރަށް ފުރިހަމަ ސިޔާސަތެއް ކަމަށާއި މިއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ބަރާބަރު މަސައްކަތެއް ކަމަށެވެ.
"މާލޭ ޓެކްސީ ލައިނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހައްލެއް ގެނެސްދޭނެ ޒަމާންވީ މައްސަލައެއް،" އޭނަ ވިދާޅުވި އެވެ. "ތިމާވެއްޓާ ރައްޓެހި، އަގުހެޔޮ، ރީތި އަދި މޫސުންގޯސްވުމުން ހިދުމަތަށް ބުރޫނާރެހެން މިކަން ރޭވިގެން ދިއުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް."
މަހްލޫފް ވިދާޅުވީ މީގެ ކުރިން ޓެކްސީތަކުގައި ދަތުރުކޮށްލެވުނު ކޮންމެ ފަހަރަކު، ޑްރައިވަރުން މިކަމާ ދޭތެރޭ ދެކޭގޮތް ވެސް ބައްލަވާލެއްވި ކަމަށާއި ގިނަ ޑްރައިވަރުން އެކަމަށް ތާއީދުކުރާ އިރު، ބައެއް ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
އަންނަ މަހުގެ 2 ގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމާފައިވާތީ އެކަމަށް ބޭނުންވާ ބައެއް ކާރުތައް އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ވަންނާތީ މިހާރު ޓެކްސީގެ ހިދުމަތްދޭ އެކި ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ. އަދި ޑްރައިވަރުންގެ އެސޯސިއޭޝަނުން ވެސް އެކަން ހުއްޓާލަން ތަކުރާރުކޮށް ގޮވާފައިވެ އެވެ.