Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ގައުމީ އިނާމަާށް ނަން ހުށަހަޅަން ހުޅުވާލައިފި

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޤައުމީ އިނާމާ ބެހޭ ކޮމިޓީން އެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން އަންނަ މަހުގެ 30 އާ ހަމައަށެވެ.

މި އަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޯމު ހުށަހެޅުން ޕޯޓަލް apply.presidency.gov.mv މެދުވެރިކޮށެވެ. އިނާމަށް އެދި ފޯމުހުށަހަޅާ އިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އިނާމާ ބެހޭ ކޮމިޓީން އެދެ އެވެ.

ގައުމީ އިނާމަށް މި އަހަރު ވެސް ހުޅުއްވައިލެއްވުމަށް ނިންމަވައިފައި ވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ޤގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހޭ ވޭ ގޮތަށް ވެސް ހަމަޖައްސައިފައެވެ.

ގައުމީ އިނާމު ދޭނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.