އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 600،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 601،707 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 6.5 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 90،189 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް ރަޝިއާ އިން 72،934 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އިނގިރޭސިވިލާތް އޮތީ 56،593 ޓޫރިސްޓުންނާ އެކީގަ އެވެ.
އަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެ އަށް 595،405 ޓޫރިސްޓުން އައިސްފައިވާ އިރު، ކަނޑުމަގުން 6،302 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިޔަސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަނީ އޭގެ އަސަރުކޮށްފަ އެވެ. އެހެންވެ އިތުރު މާކެޓްތަކުން ޓޫރިސްޓުން ގެންނަން ގިނަ މަސައްކަތްތަކެއްކޮށް، ބޭރުގެ އެއާލައިންތަކުގެ އަދަދު ވެސް އިތުރު ކުރަން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.