Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ނަމާދުގައި ސޫރަތްތަކުގެ ތަރުތީބުން ނޫން ގޮތަކަށް ކިޔެވުން!

ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި މާތް އަށެވެ. އަދި ޞަލަވާތާއި ސަލާމްލެއްވުން އެދެނީ އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންގެ މައްޗަށެވެ.

ސުވާލު: ނަމާދުކުރާ މީހާ، މުޞްޙަފުގައިވާ ތަރުތީބާ ޚިލާފަށް ސޫރަތްތައް ކިޔެވުން ހުއްދަވާނެތޯ އެވެ؟

މި މައްސަލައަށް ފިޤުހު އިލްމުވެރިންގެ މެދުގައި ކިޔަނީ "التنكيس" އެވެ. އެއީ ނަމާދުގެ ތެރޭގައި ނުވަތަ ނަމާދުން ބޭރުގައި ވިޔަސް، މުޞްޙަފުގެ ތަރުތީބާ ނޫން ގޮތަކަށް ސޫރަތްތައް ކިޔެވުމެވެ. މިސާލަކަށް ފުރަތަމަ ރަކުޢަތުގައި {قل أعوذ برب الفلق} ކިޔެވުމަށް ފަހު، ދެވަނަ ރަކުޢަތުގައި {الزلزلة} ސޫރަތް ކިޔެވުން ފަދަ ކަންކަމެވެ.

މިގޮތަށް ކިޔެވުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެންމެ އައުލާވެގެން ވަނީ މުޞްޙަފުގައިވާ ތަރުތީބުން ކިޔެވުމެވެ.

މިކަމާ ގުޅޭ ގޮތުން އިބްނު ޤުދާމާ އަލްމަޤްދިސީ ވިދާޅުވެފައިވެއެވެ: "މުސްތަޙައްބުވެގެންވަނީ ދެވަނަ ރަކުޢަތުގައި ކިޔަވާ ސޫރަތަކީ، ފުރަތަމަ ރަކުޢަތުގައި ކިޔެވި ސޫރަތުގެ ފަހުން މުޞްޙަފުގެ ތަރުތީބުން އަންނަ ސޫރަތަކަށް ވުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ނަގުލުވެގެންވަނީ އެގޮތެވެ." (المغني – ابن قدامة 1/356)

الإمام النووي رحمه الله "އައްތިބްޔާން" ގައި ވިދާޅުވެފައިވެއެވެ: "ސޫރަތެއް ކިޔަވައިފިނަމަ، އެއާ ވިދިގެން އޮންނަ ސޫރަތް ކިޔެވުން މުސްތަޙައްބުވެގެންވެއެވެ. މީގެ ދަލީލަކީ މުޞްޙަފުގެ ތަރުތީބު އެގޮތަށް ލެއްވިފައިވަނީ ޙިކުމަތްތަކަކަށްޓަކައި ކަމަށްވާތީ، އެކަމަށް ރައްކާތެރިވުމެވެ." (التبيان في آداب حملة القرآن – للنووي ص51–52)
އަދި ކިޔެއްތަ، ގާޟީ ޢިޔާޟުގެ ފަރާތުން އިމާމް ނަވަވީ ނަގުލުކުރައްވާފައިވެއެވެ. "ފުރަތަމަ ރަކުޢަތުގައި ކިޔެވި ސޫރަތުގެ ކުރީގައިވާ ސޫރަތެއް ދެވަނަ ރަކުޢަތުގައި ކިޔެވިޔަސް، ނަމާދު ޞައްޙަވާނެކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ." (شرح النووي على صحيح مسلم 2/395)

މިކަމުގެ ދަލީލަކީ އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި حذيفة رضي الله عنه ގެ ކިބައިން ރިވާކުރައްވައިފައިވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވި އެވެ.

(صليت مع النبي صلى الله عليه وسلم ذات ليلة فافتتح البقرة، فقلت يركع عند المائة، ثم مضى، فقلت: يصلي بها في ركعة، فمضى، فقلت يركع بها، ثم افتتح النساء، فقرأها ثم افتتح آل عمران فقرأها، يقرأ مترسلاً إذا مرّ بآية تسبيح سبّح، وإذا مرّ بسؤال سأل، وإذا مرّ بتعوذ تعوّذ، ثم ركع فجعل يقول: سبحان ربي العظيم، فكان ركوعه نحواً من قيامه، ثم قال: سمع الله لمن حمده، ثم قام طويلاً قريباً مما ركع ثم سجد، فقال: سبحان ربي الأعلى، فكان سجوده قريباً من قيامه ) [رواه مسلم]

މާނައީ: "އެއްރެއަކު އަހުރެން ނަބިއްޔާ صلى الله عليه وسلم އާއެކު ނަމާދުކުރީމެވެ. އެކަލޭގެފާނު (ބަޤަރާ ސޫރަތުން) ފެއްޓެވި އެވެ. އަހުރެން ހިތަށްއެރި އެވެ. ސަތޭކަ އާޔަތަށް ފަހު ރުކޫޢަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ގެންދެވި އެވެ. ދެން އަހުރެން ހިތަށްއެރިއެވެ އެއް ރަކުޢަތުން އެ ސޫރަތް ނިންމަވާނެ އެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ގެންދެވިއެވެ. އެއަށްފަހު އައްނިސާ ސޫރަތް ފައްޓަވައި އެ ސޫރަތް އެއްކޮށް ކިޔަވައި ވިދާޅުވި އެވެ. ދެން އާލްޢިމްރާން ސޫރަތް ފައްޓަވައި އެ ސޫރަތް ވެސް ކިޔަވައި ވިދާޅުވި އެވެ.

އެކަލޭގެފާނު ކިޔަވައިވިދާޅުވަނީ ލަސްލަހުންނެވެ. ތަސްބީޙަ ކިޔަންޖެހޭ އާޔަތެއް އަތުވެއްޖެނަމަ ތަސްބީޙަ ކިޔުއްވައެވެ. ދުޢާކުރަންޖެހޭ އާޔަތެއް އަތުވެއްޖެނަމަ ދުޢާކުރައްވައެވެ. އަދި ރައްކާތެރިކަމަށް އެދެންޖެހޭ އާޔަތެއް އަތުވެއްޖެނަމަ ރައްކާތެރިކަމަށް އެދިވަޑައިގަންނަވައެވެ. ދެން ރުކޫޢަށް ވަޑައިގެން (سبحان ربي العظيم) އޭ ވިދާޅުވިއެވެ. އެކަލޭގެފާނުގެ ރުކޫޢުވެސް ކިޔަވައިވިދާޅުވާން ހުންނެވި ވަގުތާ ގާތްކުރާހާ ދިގުވިއެވެ. ދެން (سمع الله لمن حمده) އޭ ވިދާޅުވެ ރުކޫޢާ ގާތްކުރާހާ ދިގު ވަގުތަކު ކޮޅަށް ހުންނެވިއެވެ. އެއަށްފަހު ސަޖިދައަށް ވަޑައިގެން (سبحان ربي الأعلى) އޭ ވިދާޅުވިއެވެ. އެކަލޭގެފާނުގެ ސަޖިދަވެސް ކޮޅަށް ހުންނެވި ވަގުތާ ގާތްކުރާހާ ދިގުވިއެވެ."

މި ޙަދީޘުން ދަލީލުލިބޭ ގޮތަކީ: ނަބިއްޔާ صلى الله عليه وسلم އައްނިސާ ސޫރަތް ކިޔަވައިވިދާޅުވުމަށްފަހު ދެން ކިޔަވައިވިދާޅުވީ އާލް ޢިމްރާން ސޫރަތެވެ. މުޞްޙަފުގެ ތަރުތީބަށް ބަލާއިރު އާލްޢިމްރާން ސޫރަތް އޮންނަނީ އައްނިސާ ސޫރަތުގެ ކުރީގައެވެ. އެހެންކަމުން މިއީ ނަމާދުގައި ތަރުތީބު ބަދަލުކޮށް ކިޔެވުން ހުއްދަކަމުގެ ހެއްކެކެވެ. އަދި ނަމާދުން ބޭރުގައި މިގޮތަށް ކިޔެވުން މާ އައުލާވެގެންވެ އެވެ.

ނަމަވެސް، މިތަނުގައި ހަނދާންކޮށް ދޭން ޖެހޭ ކަމަކީ، ޝަރުޢީ ގޮތުން ހުއްދަ ނޫން "ތަންކީސް" ވެސް އޮވެއެވެ. އެއީ ސޫރަތުގެ ފަހަތުން ފެށިގެން ކުރިއަށް ކިޔެވުމެވެ. (އާޔަތްތަކުގެ ތަރުތީބު އޮޅުވާލައި ފަހު އާޔަތުން ފެށިގެން ކުރިއަށް ކިޔެވުން)
މިކަމާ ބެހޭގޮތުން ގާޟީ ޢިޔާޟު ވިދާޅުވެފައިވެ އެވެ.

"ސޫރަތެއް ފަހަތުން ކުރިއަށް ކިޔެވުން (އެބަހީ އާޔަތްތަކުގެ ތަރުތީބު އޮޅުވާލުން) ބައެއް ސަލަފުއްޞާލިޙުން ނަހީކުރެއްވި ބަހުގެ މާނައަކީ މިއީއެވެ." (شرح النووي على مسلم 2/395)

ޤުރުޠުބީގެ ތަފްސީރުގައި ވެސް މިކަން ކަށަވަރުކޮށް ދެއްވައި ވިދާޅުވެފައިވެ އެވެ. "އިބްނު މަސްޢޫދާއި އިބްނު ޢުމަރުގެ ކިބައިން މިގޮތަށް ކިޔެވުން ނަހީކުރެއްވިކަމަށް އައިސްފައިވާ ބަހުގެ މުރާދަކީ، ސޫރަތެއްގެ އާޔަތްތައް ފަހަތުން ކުރިއަށް ކިޔެވުމެވެ. އެބޭކަލުން އެކަމަށް "މަންކޫސުލް ޤަލްބު" (ހިތް ބަދަލުވެފައިވާ މީހާ) އޭ ވިދާޅުވީ އެހެންވެގެންނެވެ." އަދި އެކަން ޙަރާމްވާ ސަބަބު ބަޔާންކުރައްވަމުން ވިދާޅުވިއެވެ: "އެހެނީ އެއީ ސޫރަތް ފާސިދުކޮށްލުމެކެވެ. އަދި އެ ސޫރަތެއް ބާވާލެއްވުމުގެ މަޤްޞަދާ ޚިލާފު ކަމެކެވެ." (تفسير القرطبي 11/61)

ނޯޓް: މިއީ މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.