Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައްޑޫ ބްރިޖް ކޮންސެޕްޓް ޑިޒައިން ރިވިއު މަރުހަލާގައި

މި ސަރުކާރުން އައްޑޫގައި އަޅަން ނިންމާފައިވާބުރިޖުގެ ކޮންސެޕްޓް ޑިޒައިން ނިމި ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ހިތަދޫ އާއި ހުޅުމީދޫ ގުލައިލަން އަަޅަން ނިންމާފައިވާ ބްރިޖް މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް މިނިސްޓްރީން ބުނީ އެ ބްރިޖު ގުޅާލުމަށް ހަދަން ޖެހޭ ދިރާސާތައް ހެދުމާއި ޑިޒައިން ކުރުމާއި ޓެކްނިކަލް ޑޮކިއުމަންޓްސް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ ޓީވައިލިން އިންޓރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑުންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ގަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މައިގަނޑު ދެ ކަމެއް ދިރާސާކޮށްފައިވާ ކަމަށެވެ. އެއީ ކޭބަލް ކާރުން ހުޅުމީދު އާއި ހިތަދޫ ގުޅުވާލުމާއި ނުވަތަ ބްރިޖް ކަނެކްޝަނަކުން ގުޅުވާލުން ކަމަށެވެ.

މި ދެކަމުގެ ތެރެއިން އެންމެ އެކަށޭނަ ރޫޓް އެލައިންމަންޓު ނުވަތަ އެހެނިހެން ޓެކްނިކަލް ކަންކަމަށް ބަަލައި ދިރާސާ ކުރުމަށް ފަހު އެންމެ އެކަށޭނަ ގޮތަށް ކަނޑައެޅިފައި ވަނީ ބްރިޖްއަކުން ގުޅުވާލުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބްރިޖް އެޅުމަށް މައިގަނޑު ތިން ރޫޓެއް ދިރާސާކޮށްފައިވެ އެވެ. އަދި އެ ތިން ރޫޓް އިވެލުއޭޓް ކުރުމަށް ފަހު އެންމެ އެކަށޭނަ ރޫޓަކަށް ކަނޑައެޅިފައިވަނީ ރޫޓް 2 ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެލައިންމަންޓުގައި ހަތަރު ބްރިޖް ކްރޮސިންއެއް ހިމެނޭ ކަަމަށާއި މި ކްރޮސިންތަކަށް އެކަށީގެން ވަނީ ކޮން ބާވަތެއްގެ ބްރިޖެއްތޯ ބެލުމަށް ވެސް ޑިޒައިން އެސެސްމަންޓެއް ވަނީ ހަދައިފަ އެވެ.

މި ކްރޮސިންތަކުގެ ފުންމިނާއި ފުޅާ މިނަށް ބެލުމަށް ފަހު ތިން ކަމެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ ފްލޯޓިން ބްރިޖް، ކޮންޓިނިއުސް ރިޖިޓް ފްރޭމް ގާޑަ ބްރިޖް އަދި ކޭބަލް ސްޓެއިޑް ބްރިޖްއެއްތޯ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ވަކިން ހާއްސަކޮށް ބްރިޖްގެ ސުޕަ ސްރަކްޗަ އަދި ސަބް ސްޓްރަކްޗާ އަށް އެންމެ އެންމެ އެކަށީގެންވާ ޑިޒައިންތައް ދިރާސާކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތުގެ ތެރެއިން ތިމާވެށީގެ ބައެއް ދިރާސާތައް ނިންމައި ހިތަދު އާއި ހުޅުމީދޫ ލިން ބްރިޖްގެ ކޮންސެޕްޓް ޑިޒައިން ވަނީ ތައްޔާރުކޮށް ނިންމައިފަ. އަދި ކޮންސަލްޓު ހުށައަޅާފައިވާ ކޮންސެޕްޓް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ޖިއޯ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ކޮންސަލްޓަންޓު އަންނަނީ ތައްޔާރުވަމުން ކަމަށާއި އެ މަސައްކަތްތައް ކުރިއަށް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލްކޮށްފައި ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިހާރު ކުރިއަށްދާ ކޮންސަލްޓަންސީގެ ދަށުން ފީސިބިލިޓީގެ ޑޮކިއުމަންޓު، ޕްރިމިނަލަރީ ޑިޒައިން އަދި ޓެންޑަ މަރުހަލާ އަށް ބޭނުންވާ ޓެކްނިކަލް ލިޔެކިޔުންތައް އަންނަ ޖޫން މަހަށް ނިންމާލުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އައްޑޫ ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށް ގެންދަން ހަވާލުކުރީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ އެވެ. އޭރު ރައީސް ވިދާޅުވެފައި ވަނީ ބްރިޖްގެ އަމަލީ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.