މެދުއިރުމަތީގައި ހަނގުރާމައާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަނޑައްތުކުރަމުންދާ މި ޚައްސާސް ދަނޑިވަޅުގައި، މީޑިއާތަކުން އެފަދަ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ.
އެގޮތުން، ރައްޔިތުންނާ ހަމައަށް ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ހަވާލާދީފައިވާ ސުލޫކީ މިންގަނޑުގައި ހިމެނޭ، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ފެކްޗުއަލް ޕްރޮގްރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އަސްލާއި އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވޯޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުންނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް ނޫސްވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.