ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އައްޑޫ ސިޓީއަށް މިރޭ ވަޑައިގެންފި އެވެ.
އިބޫ އާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އައްޑޫއަށް ވަޑައިގަތުމުން އެއާޕޯޓު ސަރަހައްދުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މި ދަތުރުފުޅުގައި އެމްޑީޕީން އައްޑު އަށް ކަނޑައަޅާފައިވާ "އަފިރިންގެ އައްޑޫ ތަސައްވުރު" ލޯންޗް ކުރުމަށް މާދަމާ ރޭ އެމްޑީޕީ ހިތަދޫ ހަރުގޭގައި ބާއްވާ ޖަލްސާގައި އިބޫ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ބައެއް ކެމްޕޭނު ހަރަކާތްތަކުގައި ވެސް އިބޫ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް ވުޖޫދަށް އައި ދުވަހުން ފެށިގެން އެމްޑީޕީން މެޖޯރިޓީ ދަމަހައްޓަމުން އަންނަ އިރު، ޕީއެންސީން މި ފަހަރު އަމާޒު ހިފާފައި އޮތީ މެޖޯރިޓީ ގެއްލުވާލައި، އެ ޕާޓީ އަށް މެޖޯރިޓީ ހޯދުމަށެވެ.
ނަމަވެސް އެމްޑީޕީން ބުނަމުން އަންނަނީ ކައުންސިލް އިންތިހާބު އެ ޕާޓީ ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.