Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ވެލާނާ އެއާޕޯޓް ޑޮމެސްޓިކް ޓާމިނަލް ޑްރޮޕް-އޮފް ޕޮއިންޓް / ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެއަރޕޯޓުގެ ދެވަނަ ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓްރެފިކް ފްލޯއަށް މުހިންމު ބަދަލުތަކެއް ގެނެސްފި އެވެ.

އެމްއޭސީއެލް އިން ބުނީ މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ނެގެވިފައިވާ ކަަމަށެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު 10.00 އިން ފެށިގެން، ޓަމިނަލް ދޭއްގެ ކުރިމަތިން އެވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި އިންތިޒާމުގެ ދަށުން ޓާމިނަލް ދޭއްގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އަދި މި ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށްވެސް ބުންޏެވެ.

އަދި ޓަމިނަލް ދޭއްގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ސަރަހައްދު ކަމަށާއި މި ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.