އެމްޓީސީސީ އަށް ކޮންޓްރެކްޓް އުސޫލުން އަނެއްކާ ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން އިއުލާންކުރި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި މަސައްކަތްކުރާނެ 107 ޑްރައިވަރުންނާއި ފަސް އެސޯސިއޭޓް ޕްރޮޖެކްޓް މެނޭޖަރުންނާއި ފަސް ސައިޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި ފަސް އެސިސްޓަންޓް ސައިޓް ސުޕަވައިޒަރުންނާއި ފަސް ސައިޓް ސުޕަވައިޒަރުންނާއި ފަސް ސީނިއާ ސައިޓް ސުޕަވައިޒަރުން ފަސް ޓެކްނިކަލް އެސިސްޓެންޓުންނާއި ފަސް މޭސަނުންގެ އިތުރުން އޭސީ ދެ ޓެކްނީޝަނުންނެވެ.
މާލެ އަށް ގިނަ އަދަދެއްގެ ޑްރައިވަރުންތަކެއް ހޯދަން އިއުލާންކުރި އިރު، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން އަންނަ މަހުގެ ތެރޭގައި ތައާރަފު ކުރަން އުޅޭ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަކަން ފާހަގަކުރެ އެވެ. އެގޮތުން ފުލް-ޓައިމް ޑްރައިވަރުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދަން ދެ ފަހަރެއްގެ މަތިން ވޯކް-އިން-އިންޓަވިއުތަކެއް ބާއްވާފައިވާ އިރު، ޕާޓް-ޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ.
މި މަގާމުތަކުގެ މުސާރަ އުޅެނީ 10،000ރ. އާއި 17،700ރ. އާ ދެމެދު އެވެ.
އެމްޓީސީސީން ބުނީ މިހާރު އިއުލާންކޮށްފައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިއަދު މެންދުރު ފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުގެ އޮފިސްތަކާއި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ ދެމުންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިންތިހާބަށް ހާއްސަކޮށްގެން ވަޒީފާތައް ނުދޭ ކަމަށެވެ. ގިނަ އަދަދެއްގެ ވަޒީފާތަކަށް މި ދަނޑިވަޅުފައި ދެމުންދާތީ ފިނޭންސް މިނިސްޓަރު މޫސާ ސަމީރު އިއްޔެ ވަނީ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސައިލަން އަންގަވައިފަ އެވެ.