އައްޑޫގައި މިހާރު އެއްވެސް ކަމެއް ކުރެވިފައި ނުވާ ކޮރަޕްޓް ސިޓީ ކައުންސިލެއް ކަމަށާއި އެކަން މި ފަހަރު ބަދަލު ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އައްޑު އަށް ވަޑައިގެން އިއްޔެ ކުރިއަށް ގެންދެވި ދޮރުންދޮރަށް ހަރަކާތުގެ ތެރެއިން އައިބީ ވިދާޅުވީ އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބަކީ މިހާރު އޮތް ކައުންސިލުން ހިންގާ ކޮރަޕްޝަންތަކަށް ނޫނެކޭ ބުނަން ޖެހޭ އިންތިހާބެއް ކަމަށެވެ.
އޭނަ ވިދާޅުވީ ފާއިތުވި 15 އަހަރު އައްޑޫ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީ އޮވެގެން ރައްޔިތުންނަށް ދިމާވަމުން އައި ތަކުލީފުތުކަމެއް ކަމަށެވެ.

އައިބީ ވިދާޅުވީ ކޮންމެ ފިކުރެއްގެ ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް ކައުންސިލުތައް ވާން ވާނީ ރައްޔިތުންނަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ކައުންސިލުތަކަކަށް ކަމަށެވެ. ނަމަވެސް އައްޑޫގައި އައްޑޫގައި އިދިކޮޅު ކައުންސިލެއް އޮންނަތާ 15 އަހަރުވެފައިވާ އިރު، މުޅިން ވެސް ހިޔާލު ތަފާތުވާ ސަރުކާރުތަކަށް ކައުންސިލުން ކުރަނީ ޖެއްސުން ކަމަށެވެ.
"އެބޭފުޅުންގެ ސަރުކާރެއްގައި އެއްވެސް ކަމެއް ނުކުރެވޭ. ދެން އަންނަ ސަރުކާރަކަށް ކުރަނީ ޖެއްސުން. މި ފަހަރަކީ އައްޑޫ ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކޮރަޕްޝަނަށް ނޫނެކޭ ބުނަން. މި ކައުންސިލުގައި ކޮރަޕްޝަނުގެ އަމަލުތައް ހައްދުފަހަނަ އަޅާފައި އޮތީ،" އައިބީ ވިދާޅުވި އެވެ. " ރައްޔިތުންނަށް ބޭނުންވާ ކަންކަން މިސާލަކަށް މަގުތައް މަރާމާތު ކުރުމާއި މަގުހެދުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ފަސޭހަކުރުމަށް މިހާރު ހުރި މޭޔަރު ބަދަލުކުރަން އެބަޖެހޭ."
އެހެންވެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އަލީ ނިޒާރަކަށް ނޫނެކޭ ބުނެ ޕީއެންސީގެ ފަރާތުން އެ މަގާމަށް ވާދަކުރައްވާ މުޝްރިފް އަލީ އަށް ވޯޓު ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ މިހާރުގެ ކައުންސިލަރުންގެ ތެރެއިން ދެވަނަ ދައުރަކަށް ވާދަކުރައްވާ ކައުންސިލަރުންގެ ތެރޭގައި ހިމެނެނީ މެދުވަލު ދާއިރާ އަށް ވާދަކުރައްވާ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ކޮރަވަލު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝިނާޒާއި ރަސްގެދަރި ދާއިރާ އަށް ވާދަކުރައްވާ ހުސައިން ޒަރީޒާއި މާމެންދޫ ދާއިރާ އަށް ވާދަކުރައްވާ އައިމިނަތު އަދާލާގެ އިތުރުން މޫލެކެޑެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ސައީދެވެ.
ސައީދު އެ ދާއިރާ އަށް ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓްގަ އެވެ.