ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްތެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބިބި ބައެއް ކަމަށެވެ.
"އިސްލާމް ދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއް. ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ، ޝަހީމު ވިދާޅުވި އެވެ. "މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދެން. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރަން."
މިނިސްޓަރު ވަނީ ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން ވެސް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް ވެސް ނަސޭޙަތްތެރިވަން." ޝަހީމު ވިދާޅުވި އެވެ.
އޭނަ މިފަދަ މޭރުމަކުން ވާހަކަ ދެއްކެވީ މެދުއިރުމަތީގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެންް އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރޭގައި އަވަހާރަކޮށްލި އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީގެ އަގީދާ އަށް ރައްދުވާ ގޮތަށް ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ސަމީރުގެ ވާހަކަތަކަށް އިޝާރާތްކޮށް، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.