Last Updated: June 5, 17:28
Friday, June 5, 2026
ޚަބަރު

ޖަމާޢަތްތެރިންގެ އެލަވަންސަށް ދުވާލަކަށް 200ރ.

ޖަމާޢަތްތެރިންނަށް ހާއްސަ މާލީ އިނާޔަތެއް ކަނޑައަޅައި، އުސޫލު އާންމުކޮށްފި އެވެ.

ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުގެ ދަށުން ޖަމާޢަތްތެރިންގެ ގޮތުގައި ބަލަނީ ދައުލަތުގެ ޕޭ ފްރޭމްވާކްގައި ހިމެނޭ ޖަމާޢަތްތެރިންގެ ޖޮބް މެޓްރިކްސްގައި ހިމެނޭ މަޤާމުތަކަށެވެ.

ޖަމާޢަތްތެރިންގެ ކޮންޓިނިއުޓީ އެލަވަންސް އަކީ، ޖަމާޢަތްތެރިންގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވާކްގައި ކަނޑައަޅާފައިވާ މަސައްކަތު ގަޑި ފުރިހަމަކުރުމަށް ފަހު، އެ ދުވަހެއްގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި މަސައްކަތުގެ ހޭދަކުރަން ޖެހޭ މުވައްޒަފުންނަށް އެ ދުވަހަކަށް ކަނޑައަޅާފައިވާ އެލަވަންސެކެވެ.

ޖަމާޢަތްތެއިންގެ ކޮންޓިނިއުޓީ އެލަވްނަސްގެ މިންވަރަކީ ދުވާލަކަށް 200ރ. އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖަމާޢަތްތެރީންގެ މަސައްކަތް ގުޅިފައި ވަނީ ކިފާޢަތުގެ ފަރުޟެއް އަދާކުރުމަށް ކަމަށްވާތީ، އެ ފަރާތްތަކުގެ މުސާރަ އާއި ޢިނާޔަތް ކަނޑައަޅާފައި ވަނީ އެކަމަށް ރިޢާޔަތްކޮށެވެ.

ޖަމާޢަތްތެރިންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ އެ މަގާމުތަކުގެ މުހިންމުކަމާއި، ޚާއްސަ ސިފަތަކަށް ރިއާޔަތްކޮށް ކަމުގައިވާތީ، އެ މުވައްޒަފުންގެ މަސައްކަތު ވަގުތު ކަނޑައަޅަން ވާނީ އާންމު އެހެން މުވައްޒަފުންނާ ތަފާތުކޮށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި މަގާމުގެ ޒިންމާތައް އަދާކުރާ ވަގުތަކީ މަސައްކަތުގެ ވަގުތުގެ ގޮތުގައި އޮންނަ ގޮތަށްކަމާއި، އެކަމުގެ ތަފްސީލުތައް ކަނޑައަޅާނީ އެ އިދާރާއަކާއި ސިވިލް ސަވިސް ކޮމިޝަން (ސީއެސްސީ) އާ ގުޅިގެން ކަމަށް ބަޔާންކޮށްފައިވެ އެވެ.

އުސޫލުގައިވާ ގޮތުން، ޖަމާޢަތްތެރިންގެ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް، ޖަމާއަތްތެރިންގެ މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ދޭންވާނެ އެވެ. އަދި މަސައްކަތުގެ ވަގުތުގެ ގޮތުގައި ކަނޑައަޅާ ވަގުތުގެ ދެބައިކުޅައެއްބައި ވަގުތު ޚިދުމަތް ކުރުމުން، އެއިން ކޮންމެ ދުވަހަކަށް ވެސް ހާޒިރީ އިނާޔަތް ދޭން ވާނެ އެވެ.

ޖަމާއަތްތެރިން ދާދި ފަހުން އެ މީހުންގެ އިނާޔަތާ މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކޮށްފައިވެ އެވެ.