Last Updated: June 5, 17:41
Friday, June 5, 2026
ޚަބަރު

ރެފަރަންޑަމާ ގުޅޭ މައްސަލައިގެ އަޑުއެހުން ނިންމާލައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ވޯޓު ހުއްޓުވައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ގޮތެއް ނިންމަން އެ ކޯޓުން ތާވަލުކޮށްފި އެވެ.

ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމާއި އައިކު އަހުމަދު އީސާ އެ މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

ފެންނަ ނުފެންނަ ވޯޓްގައި އަހާ ސުވާލަކީ މިއެވެ؛ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

ޝިޔާމް އާއި އައިކު ދެކެނީ ރައްޔިތުންނަށް އެޕްރީލް ހަތަރެއްގައި ކުރިމަތިކުރުވާ ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.

ދައުލަތުގެ ފަރާތުން މި މައްސަލާގައި އެދުނީ ރައީސް ނެރުނު ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. އާ ހިލާފު އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ފެންނަ ނުފެންނަ ވޯޓު ބާއްވަން ނުޖެހޭ ކަމަށް ކަނޑައަޅައި ދެވޭނެ ހަމައެއް ނެތް ކަމަށް ހުކުމްކޮށް ދިނުމަށެވެ.

ދައުލަތުން ދެކެނީ ސުވާލު ފަރުމާކުރަން ޖެހޭ ގޮތް ނުވަތަ ސުވާލުގެ އިބާރާތް ކަނޑައެޅުމުގެ އިހުތިޔާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި ދުސްތޫރީ މައްސަލައެއް ހުށަހެޅޭނެ ކަމަށް ވެސް ދައުލަތުން ނުދެކެ އެވެ.

މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ދެން އޮންނާނީ މައްސަލައާ މެދު ގޮތެއް ނިންމުންކަން ހާމަކުރައްވައިފަ އެވެ.

ނަމަވެސް، އެ އަޑުއެހުން އޮންނާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ހާމައެއް ނުކުރައްވަ އެވެ. އަދި މައްސަލަ ދިރާސާކުރަމުން އަންނައިރު ކޮންމެހެން ސާފުކުރަން ޖެހޭ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އިތުރު ޝަރީއަތުގެ މަޖިލީހެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.