ލޯކަލް ޓޫރިޒަމްގެ ދަށުން އދ. ދިގުރަށުގައި ހޯމްސްޓޭ ވިޔަފާރި އަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ރަށު ކައުންސިލުން އެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިގުރަށު ކައުންސިލުން ބުނީ އެ ރަށުގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ވިޔަފާރި ހިންގުމުގެ ހުއްދަ ހޯދުމަށް ބައެއް ފަރާތްތަކުން އެދެމުން ދިއުމާއި، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ވިފަފާރިޮ ހިންގުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީ ރަށު ފަތުރުވެރިކަމުގެ ނަފާ އިތުރު ފަރާތްތަކަށް ލިބުމަށް މަގުފަހިވާނެ ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ ދިގުރަށަކީ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް، ޓޫރިޒަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ރަށެއްގެ ގޮތުގައި މިހާރު ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށެވެ. އެގޮތުން ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 1 ކޮޓަރި އަދި ގިނަވެގެން 5 ކޮޓަރީގެ ތަންތަނެވެ.
އެހެންވެ ދިގުރަށުގައި ޓޫރިސްޓުން ބައިތިއްބަން ބޭނުންވާ ތަންތަނެއް އަންނަ މެއި މަހުގެ 1 ގެ ކުރިން ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ނެގުމަށް ނެގުމަށް ކައުންސިލުން އެދިފައިވެ އެވެ. މިކަމާ ގުޅޭ އިތުރު އިތުރު މަޢުލޫމާތު 6680631 ނުވަތަ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9593939 އިން ހޯދޭނެ އެވެ.