Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ގާސިމްގެ ތާއީދު މޫސާ އަލީ ޖަލީލަށް

މަޝްހޫރު ވިޔަފާރިވެރިޔާ އަފި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ތާއީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް އޮތްކަން ހާމަކުރައްވައިފިއެވެ.

ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލު އެންޑޯޒްކޮށް، ތާއީދުކޮށްފައިވާ ކަަމަށެވެ. ގާސިމް ވިދާޅުވީ، މޫސާ ޖަލީލަކީ، ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް، މި ގައުމުގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއް ކަމަށެވެ.

އަދި ‏ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރު މަހު ތިން ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.

އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށްކަމަށާއި ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކުކަމަށް ގާސިމް ވިދާޅުވިއެވެ. ފަސްބައިގާ ކިލަނބުކަމެއް ނެތްކަމަށާއި އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ކަން މިހެން އޮތްއިރު، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން ވާކަމަށް ވިދާޅުވެފައެވެ.