Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހަ އަހަރުގެ ކުއްޖާ މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ކާންދޭން ބޭނުންކުރާ ފީޑިން ޓިޔުބް ލިބުން ލަސްވެ، ހާލު ދެރަވެގެން އިއްޔެ ނިޔާވި މ. ޗީޒް، އިބްރާހީމް އަޛާން ސުހައިލް ނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ 16 މާރިޗް 2026 ގައި މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު، 17 މާރިޗު 2026 ގައި އެ ކޮމިޝަނުން އިސްނަގައިގެން ތަހުގީގެއް ފަށާފައިވާނެ ކަމަށެވެ.

މި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއްނެތި އެހީތެރިކަން ލިބޭނޭގޮތް ގާއިމްވެފައި އޮތްތޯ އާއި އަދި ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި، 23 ވަނަ މާއްދާގެ (ނ) އިން ކަށަވަރުކޮށްދޭ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގުގެ އިތުރުން، 35 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކުޑަކުދިންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ދައުލަތުން ކަށަވަރުކޮށްދީފައިވޭތޯ ކަމަށް ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން، ރައްޔިތަކު އެހީތެރިކަމަކަށް އެދޭ ހިނދު، އެކަމެއްގެ މުއާލާތް ކެނޑުމުގެ ކުރިން (ވަގުތު ފާއިތުވުމުގެ ކުރިން) އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމްކޮށްފައި އޮތްތޯ ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މިކަން ތަހުގީގުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަންކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ލާޒިމުކޮށް އަންގާނެ ކަމަށެވެ. އަދި ކޮމިޝަނުންދޭ ލަފަޔާއި ހުށަހެޅުންތައް ތަންފީޒުކުރާ މިންވަރު ބަލަމުންދާނެ ކަމަށާއި، މި މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.