އިރާންގެ ހަނގުރާމައާ ގުޅިގެން ތައިލޭންޑްގެ މަސްވެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފި އެވެ.
އެ ގައުމުގެ މަސްވެރިންނާ ހަވާލާދީ މީޑިއާތަކުން އިރާނާއި އިޒްރޭލު ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ސަބަބުން ތައިލޭންޑްގެ މަސްވެރިންނަށް ތެލުގެ ދަތިކަމާ ވަރަށް ބޮޑަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މީޑިއާތަކުން ބުނީ އެންމެ ބޮޑަށް މަސްވެރިކަން ކުރާ ސަރަހައްދު ކަމަށްވާ ގަލްފް އޮފް ތައިލޭންޑްގެ ގިނަ މަސްދޯނިތަކެއް މިހާރު މަހަށް ނުފުރައި ބަނދަރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ސަމޫތު ސަކޯން ފިޝްމޮންގާ އެސޯސިއޭޝަންގެ ރައީސް ޖަމްޕޯލް ކަނަވަރީ ވިދާޅުވީ ހަނގުރާމަ ފެށުމުގެ ކުރިން މަހަށް ނުލުމެ އުޅުނު ދޯނިފަހަރުގެ ދެބައިކުޅަ އެއްބައި މިހާރު މަހަށް ނުފުރާ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ތެލުގެ ދަތިކަމާ ހެދި ކުރިއަށް އޮތް ދުވަސްތަކުގައި ތައިލޭންޑްގެ މަސްވެރިކަން އެއްކޮށް ހުއްޓުމަކަށް އައިސްދާނެކަމުގެ ބިރު ވެސް މިހާރު އޮތް ކަމަށެވެ.
އެހެންވެ މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައި ދޭން ސަރުކާރަށް ގޮވައިލާ ކަމަށް ކަނަވަރީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މަސްވެރިކަމުގެ މަސައްކަތަށް މި އެރި ލޮޅުމުގެ އަސަރު އަންނަ މަހުގެ 1 އިން ފެށިގެން ވަރަށް ބޮޑަށް ފެންނަން ފަށާނެ ކަމަށެވެ. އެގޮތުން މަސް ލިބުމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވާން ފަށާނެ ކަމަށް ކަނަވަރީ ވިދާޅުވި އެވެ.
"މީގެ ސަބަބުން މަސްވެރި އާއިލާތަކަށް ވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތި ވާނެ." އޭނަ ވިދާޅުވި އެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ތައިލޭންޑްގެ ފިޝަރީޒް މިނިސްޓަރު މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ ގައުމުގެ ފިނޭންސް މިނިސްޓަރު އެކްނިތީ ނިތިތަންޕްރަޕަސް އިއްޔެ ވިދާޅުވީ މަސްވެރިންނަށް އެހީވުމަށްޓަކައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބީ20 ބައޯޑީސަލް ފޯރުކޮށް ދެވޭނެ ޕެކޭޖްތަކެއް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ތައިލޭންޑަކީ ގިނަ އަދަދަކަށް މަސް އެކްސްޕޯޓް ވެސް ކުރާ ގައުމެކެވެ. އެގޮތުން އެމެރިކާ އާއި ޖަޕާން އަދި ޗައިނާ އަށް 2024 ގައި އެކަނި ވެސް 7 ބިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.