ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރަން މިއަދު ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށާފައިވާ ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ކުރީގެ ސަރުކާރުން މި ސަރަހައްދު ނުހިއްކައި ގޯތި ދޫކުރަން ނިންމާފައި އޮތުމުގެ ސަބަބުން މަސައްކަތްތައް ހުއްޓިފައި އޮތުމަށްފަހު، މިހާރުގެ ސަރުކާރުން ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ނިންމާފައެވެ.
މި ސަރަހައްދުން ޖުމްލަ 698 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި 1650 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ 7 ސައިޒެއްގެ ގޯތި ހިމެނެއެވެ. އެންމެ ގިނައިން ދޫކުރަނީ 2050 އަކަފޫޓުގެ 242 ގޯތި އަދި 1650 އަކަފޫޓުގެ 181 ގޯތިއެވެ.
ގޯތިތައް ލިބޭ ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި މިދިޔަ ޑިސެމްބަރު މަހު ވަނީ ގުރުއަތުލުން ބާއްވާފަ އެވެ.