Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ބޮޑު ގޯހެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންއެފް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ޕީއެންއެފްގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ހަރަދުކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ބުހުތާނު ދޮގެއް ކަމަށާއި ހަރަދުކުޑަކުރުމަކީ މި ސަރުކާރަށް އެއްގޮތަކަށް ވެސް މުހިއްމު ކަމެއް ނޫން ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ އެތައް ބޭންކުތަކާއި އިދާރާތަކުން ގޮވާލި ނަމަވެސް ހަރަދުކުޑަކުރަން މި ސަރުކާރުން ނޫޅޭ ކަމަށާއި އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވާ ރަނގަޅު ސަބަބެއް މި ސަރުކާރުން އަދި ބުނެދީފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާ މަކަރުވެރި ގޮތަކަށް މިކަން ކުރަނީ އިހުލާސްތެރިކަމެއް ނެތި ކަމަށާއި އަދި މިވަރުގެ ބޮޑު މައްސަލައަކާއި މެދު ގޮތެއް ނިންމަން ވާނީ ބަހުސްތަކެއްކޮށްފައި، މިކަމާ ދެކޮޅު ހިޔާލުގެ މީހުން ރައްޔިތުންނަށް ކަންކަން ވިސްނައިދޭން ފުރުސަތު ދިނުމަށްފަހު ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ތެޅިފޮޅިގެން މިކަން ކުރަން އިލެކްޝަންސް ކޮމިޝަނުން ވެސް ނުޖެހޭ ކަމަށާއި މިއީ އެއަށް ވުރެ މާބޮޑު ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ދެ އިންތިހާބު އެއްކޮށްލުމަކީ އޭގެ ޒާތުގައި ހަދާ ބޮޑު ގޯހެއް. ދެ އިންތިހާބު އެއްކޮށްލުމަކީ އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ މިކަމުގައި ގާނޫނީ އެތައް މައްސަލަތަކެއް ހުރިއިރު، މިއީ އޭގެ ޒާތުގައި ގާނޫނީ އަސާސީ އާއި ގައުމުގެ މަސްލަހަތު ދަމަހައްޓައިދޭނެ އެއްވެސް ފަރާތެއް ނެތި ގައުމުގެ މުޅި ނިޒާމު ހުސްކަމެއްގެ ތެރެއަށްދާ ވަރުގެ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

"ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލާފައި ދައުރު އެކީ ނިމޭ، އެކީ ފެށޭ ކަމަކަށް ހަދައިފިނަމަ ކަމެއް ދިމާވެއްޖެނަމަ ޖަވާބުދާރީކުރުވާނެ ނުވަތަ ބަހެއް އަހާލަންޖެހޭ ބަޔަކު ނެތް،" ޔާމީން ވިދާޅުވި އެވެ.