ކުރީގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙައްމަދަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޒީފާއެއް ހަމަޖައްސައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން އޭނާއަށް ފުރައްސާރައިގެ ގިނަ ކޯލުތަކެއް ލިބިފައިވާ ކަމަށް ނިއުމާ ބުނެފި އެވެ.
ނިއުމާއަށް އެމްޓީސީސީން 40،000ރ. ގެ މުސާރައެއް ލިބޭ ވަޒީފާއެއް ހަމަޖައްސާދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފަ އެވެ.
ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނިއުމާ ބުނީ ސޯޝަލް މީޑިއާގައި އޭނާއާ ދިމާލަށް ކިޔަމުންދާ ހުތުރު އެއްޗެހީގެ ޒިންމާ އެމްޓީސީސީގެ އިސްވެރިން ނަގަންޖެހޭ ކަމަށާއި ތަނެއް ދޮރެއް ބަލާލުމެއް ނެތި މީހުން ސޯޝަލް މީޑިއާގައި އޭނާ "ރޮލާ ކާލަމުންދާ" ކަމަށެވެ.
"އިއްޔެއިން ފެށިގެން މިވަގުތާ ހަމައަށް 1500 އަށްވުރެ ގިނަ ކޯލު ލިބި 400 އަށްވުރެ ގިނަ މެސެޖު ވަނީ ލިބިފަ. އެންމެ ފަހުން ނަންބަރުގެ ޚިދުމަތްވެސް ޖެހުނީ ކަނޑާލަން،” ނިއުމާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ނިއުމާ ވަނީ އޭނާއަށް 40،000ރ. ލިބޭ ވަޒީފާއެއް ނުދޭ ކަމަށާއި އެވަރުގެ މުސާރައެއް ދީފައި ގޭގައި ބަހައްޓާނެ ނަމައޭ ހިތަށް އަރާ ކަމަށްވެސް ބުނެފަ އެވެ.
"ތަނެއް ދޮރެއް ބަލާލުމެއް ނެތި މީހުން ސޯޝަލް މީޑިއާގަ ރޮލާ ކާލަނީ މަށަކަށް ނުދޭ 40،000 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް. މަގޭ ހިތަށް އަރާ ހުވާ މިވަރު މުސާރައެއް ދީފަ މަ ގޭގަ ބަހައްޓާނެ ނަމައޭ،" ނިއުމާ ލިޔެފައިވެ އެވެ.