ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ "އަނެއް ދިވެހިރާއްޖެ" އަށް މިސްރާބު ޖަހަން މިހާރު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ކޮންމެ ވާހަކައެއް ވެސް ރައީސަކު ވިދާޅުވުމުން އެކަން ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށާއި އެގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅަށް އަންނަނީ ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.
"މިހާރު އަހަރެމެން އެބަ ޖެހެއޭ އަނެއް ދިވެހިރާއްޖެ ހޯދަން. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަ ޖެހޭ ދެއްތޯ އަނެއް ދިވެހިރާއްޖެއަށް މިސްރާބުޖަހަން، ދިވެހިރާއްޖެ ހޯދަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދިވެހީންގެ ކާބަފައިންނާއި، ގާނޫނުތަކާއި، ދުސްތޫރާއި، ދިވެހީންގެ އާދަތަކަށް ބިނާކޮށް ގެނައި ނިޒާމެއް މި ގައުމަކު ނުހިނގި ކަމަށާއި އެ ނުހިނގީ އޭގެ ޒާތުގައި ނިޒާމުގައި ހުރި ކޮރު ކަމަކުން ނޫން ކަމަށެވެ. އެއީ އެ ހިންގަން އައި މީހުންގެ ކޮރުކަމުން ކަމަށާއި ގާނޫނުއަސާސީ ހިންގަން އޮތް މަގު، މުއައްސަސާތަކަށް އޮތް މަގު، ހުރިހާ މަގެއް "ވަން ވޭ" ކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހުރިހާ ތަނެއް ވަން ވޭ ކޮށްފި. މަގަކަށް ވަދެއްޖެއްޔާ ކުރިއަށް ދެވޭ ގޮތެއް ނެތް. ދިމްޔާތަށް އޮތް މަގު ނޫން ހުރިހާ މަގެއް މިއޮތީ ވަން ވޭ ވެފަ. އެހެންވީމަ ކާކު ކޮންތާކަށްތޯ ފަރުވާއެއް ހޯދަން ދާންވީ؟" ޔާމީން ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ކަންކަން ހައްލުކުރަން ބަރޯސާވަމުން އައީ ޝަރުއީ ނިޒާމަށް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާއާއި، މިހާތަނަށް ކަންތައްތައް ދިޔަ ގޮތުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ތަސައްލީ ހޯދަން ދާން އޮތް ތަނެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން އެތަން އެއީ ކޮރަޕްޝަނަށް ވުރެ ބޮޑަށް ފުނޑިފައި އޮތް ތަނެއް ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ ހަލާކުކުރީ ރާއްޖޭގެ ވެރިން ކަމަށާއި، ޝަރުއީ ނިޒާމު މިއަދު އޮތް ހާލަތަށް ހަލާކުކޮށްލީ ޚުދު ޝަރުއީ ނިޒާމުގެ ވެރިން ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.