Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދައުރު ނިމޭއިރު ވިލިމާލެ އޮންނާނީ ތަރައްގީވެފައި

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރު ނިމޭއިރު ވިލިމާލެ އޮންނާނީ ތަރައްގީވެފައި ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މި ދައުރު ނިމޭއިރު ވިލިމާލެ ވެގެންދާނީ ފުރުސަތު އޮތް ތަރައްގީވެފައިވާ ރަށަކަށް ކަމަށެވެ.

"ވަޒީފާއާއި ތައުލީމީ ފުރުސަތުތަކާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ދިރިއުޅުމުގެ ގިނަކަންކަން ހަމަޖެހިފައިވާ ތަނަކަށް. މާލެއާއި ހުޅުމާލެއެކޭ އެއް ހަމައެއްގައި ފުރުސަތު ތަނަވެސްފައިވާ ރަށަކަށް" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އާއިލާ ބޮޑުވެގެން އަންނައިރު ބޯހިޔާވަހިކަމެއް ނެތުން ކަމަށާއި ވިލިމާލޭގެ ރައްޔިތުން ލޯނު ނަގައިގެން އެ މީހުން ގެތައް ހަދާފައިވާއިރު ކުއްޔަށް ދޭނެ ޖާގައެއް ގޭގައި ނެތްއިރު، ލިބޭ މުސާރައިން ލޯނު ދައްކަމުން އުޅެމުންދަނީ ދަތި ހާލަތެއްގައި ކަމަށެވެ.

ނަމަވެސް ރޭ ބިންގާ އެޅިގެންދިޔަ ހައުސިން މަޝްރޫއުއާއެކު އެ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"މިއީ ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް. މި ބަދަލާއެކު އެތައް ފުރުސަތެއް ވަނީ ހުޅުވިފައި. އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު މިވަނީ ހުޅުވިގެން ގޮއްސަ". މުއްތަލިބު ވިދާޅުވި އެވެ.

ރޭ ފެށި މި މަޝްރޫޢުގެ ދަށުން، 17 ފަންގިފިލާގެ 3 ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްޤީކުރާނެ އެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.