މި ސަރުކާރަށް ތާއީދެއް ނެތް ކަމަށާއި ސަރުކާރުން ހަމައެކަނި ކުރާ ކަމަކީ ވަޒީފާ އާއި ރިޝްވަތު ދިނުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރުނު "އަފިރިން އައްޑޫ" މެނިފެސްޓޯ ތަންފީޒުކުރަން އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށާއި އަދި މި އިންތިޚާބަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފެށުން ކަމަށްވެސް ހަދަންޖެހޭ ކަމަށެވެ.
"ހަމަގައިމުވެސް މިހުންނެވި ރައީސް ޑރ. މުޢިއްޒަކަށް މިރާއްޖެއަކު ތާއީދެއް ނެތް. އަޅުގަނޑަކަށް ނުފެނޭ ސަތޭކައަކުން އެކަކުވެސް މި ސަރުކާރުން މިކުރާ ސިޔާސަތުތަކަށް ތާއީދުކުރާ ތަނެއް. އެކަން ވޯޓަށް ބަދަލުކޮށްދެއްވާ" އިބޫ ވިދާޅުވި އެވެ.
"މި ބޭފުޅުންގެ އޮތީ ހަމައެކަނި ވަޒީފާ އާއި ރިޝްވަތު ދިނުން. އެކަމަށް ނޫނެކޭ ބުނެ މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރާނެ،"
ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އައްޑޫއިން ވެސް ސަރުކާރަށް ދިންކަން ފާހަގަކުރައްވަމުން އިބޫ ވަނީ އޭގެ ބޭނުމަކީ އެއިރު ފެށިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި އައްޑޫން ހުށަހެޅި މެނިފެސްޓޯއާ އެއްގޮތަށް އެ ސިޓީ ތަރައްގީކުރުން ކަމަށް ވިދާޅުވެފަ އެވެ.
"އެހެން ނަމަވެސް މަޖިލީހުގެ އެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ކުރައްވަމުންދާ ކަންކަމަކީ ގާނޫނުގެ ވެރިކަން ނެތިކޮށްލުމާއި ބާރުތައް ޖަމާކުރުން،" އިބޫ ވިދާޅުވި އެވެ.