ގައުމަށް ހެޔޮއެދޭ މީހަކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ނުހަދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ވެސް އިސްލާހުކުރަން ޖެހުމުން އެކަން ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށާއި ރާއްޖެއަށް ހެޔޮއެދޭ އަދި އިހްލާސްތެރި ވިސްނުމެއް ހުރި އެއްވެސް މީހަކު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ނުހަދާނެ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ މިއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. އިނގިރޭސިބަހުން ދަންނަވާނަމަ ލޯންގް އޮވަޑިއުއެއް މިއީ. އަޅުގަނޑު ޝައްކެއް ނުކުރުން ހެޔޮ ނަޒަރަކުން ރަނގަޅު ވިސްނުމަކުން ވިސްނައިފިއްޔާ މިކަމާ ދެކޮޅު ހަދާނެ އެއްވެސް މީހަކު ހުންނާނެ ކަމަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިހާރު ޤާނޫނުއަސާސީ އޮތްގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު މަސައްކަތް ކުރަންޖެހެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ އެ ހަ މަސް ދުވަސް އެއިރެއްގައި ހުންނަ ރައީސަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިގެންދާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ލާބައަށްޓަކައި ގެންނަ މިފަދަ ބަދަލުތަކަކީ ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، މުޅި ދައުލަތުގެ މަސްލަހަތު އިސްކޮށްގެން ނިންމަންޖެހޭ ނިންމުންތަކެއް ކަމަށްވެސް ވިދާޅުވި އެވެ.