އެއްދުވަސް ވަރެއްގައި ޔުކުރޭނު އޮތީ އުސްމާނީ ޚިލާފަތުގެ ދިދައިގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެދުވަސްވަރު އުސްމާނީ ޚިލާފަތުގެ ޚަލީފާއަކީ، ސުލްޠާން ސަލީމް ދެވަނައެވެ. އެ ދުވަސްވަރު ރަޝިޔާ މީހުން ޔުކުރޭނާއި، ކްރީމިއާގެ ބައެއް ސަރަޙައްދުތަކަށް ޙަމަލާދީ، ސަހަރުތަކާއި، އަވަށްތައް ލޫޓުވައި، އެތައް ބަޔަކު މަރައިލި އެވެ.
އެ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އުސްމާނީ ޚިލާފަތުން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ވަގުތުން، މުސްލިމުންގެ ލަޝްކަރު ރޫސީވިލާތުގެ ވެރިރަށް މޮސްކޯ ޙިޞާރުކޮށް ކުރެމްލިންއާ އެކު، އެ ސަހަރު އަންދައި އަޅިއަށް ހަދައިލިއެވެ.
ނަމަވެސް 1570 ވަނަ އަހަރު، ރޫސީވިލާތުގެ ޞަލީބީ އޮފިސަރަކު ކްރައިމި އާއި، އަދި މިހާރުގެ ޔޫކުރޭނުގެ މުސްލިމުން ދިރިއުޅޭ އަވަށްތަކަށް 500 ސިފައިންނާއެކު ވަދެ، އެ އަވަށްތަކުގެ މީހުންގެ އަތުން ފޭރި، މުސްލިމުން ޤަތުލުކޮށް، ގޯތިގެދޮރު އަންދައި، އެ އަވަށްތައް ވަރަށް ބޮޑަށް ހަލާކުކޮށްލިއެވެ. އޭރު ރޫސީވިލާތުގެ ވެރިޔަކަށް ހުރި ޒާ، އިވާން 18 އެވެ.
ޔޫކުރޭނުގެ މުސްލިމުންގެ ބިންތަކާއި، ޢިމާރާތްތަކަށް ނުވަތަ ޕްރިންސިޕަލިޓީތަކަށް ތަފާތު ނުކޮށް ޙަމަލާތައްދީ، މުސްލިމުންގެ މުދާ ފޭރި، ޣަނީމާކުރުމުގެ ހުއްދަ، އިވާން 18 ވަނީ، ރޫސީވިލާތުގެ ޖެނެރަލުންނަށާއި، އޮފިސަރުންނަށް ދީފައެވެ. އެއާއި ވިދިގެން، ރޫސީވިލާތުގެ ސިފައިންގެ ތެރޭގައި ތިބި ދަހިވެތި އޮފިސަރުން، ސިފައިންގެ ޔުނިޓްތަކާއެކު، ކްރައިމިއާއާއި، ޔޫކުރޭނާއި، ކޯކަސަސް، އަދި ޚަވާރުޒަމީގެ މުސްލިމުންގެ ސަހަރުތަކާއި، އަވަށްތަކަށް ޙަމަލާދީ، މުސްލިމުންގެ މުދާ ފޭރި، މީހުން ޤަތުލުކުރުން އާންމު ކަމަކަށް ހަދައިލިއެވެ.
މި ޚަބަރު، އުސްމާނީ ޙަލީފާ ސުލްޠާން ސަލީމް ދެވަނަ އަށް ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް ކޯފާވެވަޑައިގެން، ރޫސީވިލާތުގެ ފައުޖުތަކާއި ދެކޮޅަށް ޖިހާދުކޮށް އެމީހުންނަށް ރަނގަޅު ފިލާވަޅެއް ދެއްވަން ނިންމެވިއެވެ. ރޫސީވިލާތުގެ ޒާރ އިވާން ހީކުރީ، ސުލްޠާން ސުލައިމާން ޢަޒީމުއްޝާން އަވަހާރަވުމުން އެއްވެސް ބަޔަކަށް، އެމީހުން ނުހުއްޓުވޭނެ ކަމަށެވެ. އެހެންކަމުން، ކްރައިމިއާއި، ޔުކުރޭނު މިނިވަން ކުރެއްވުމަށްޓަކާ 120،000 އަސްވާރުންގެ ބޮޑު ލަޝްކަރަކާއި، ބޮޑުބަޑިތައް ތައްޔާރު ކުރެއްވުމަށް، ސުލްޠާން ސަލީމު އަމުރުފުޅު ކުރެއްވިއެވެ.
އުސްމާނީ ލަޝްކަރު ޔޫކްރޭނަށް ދިޔައީ އެތަނުގައި ހަރަކާތްތެރިވި ރޫސީ ސިފައިން ނައްތާލުމަށާއި މުސްލިމުންގެ ބިންތައް ފޭރިގަތް، އެތައް ހާސް ރޫސީ ސިފައިންގެ ދުވަސް ދުއްވައި ލުމަށެވެ. އެ ޚަބަރު ލިބުމުން، ރޫސީ ސިފައިން ބިރުން، އުތުރަށް ދަތުރުކޮށް ރޫސީވިލާތުގެ ސަހަރުތަކަށް ވަދެ ފިލިއެވެ. އެހެން ނަމަވެސް އުސްމާނީ ލަޝްކަރު އެމީހުންގެ ފަހަތުން ދިޔައެވެ. އެތައް ހާސް މުސްލިމް އަސްވާރުން، ބޮޑު ބަޑިތަކާއެކު، ރޫސީވިލާތުގެ ބިންތަކަށް ވަދެ، ބަދަލު ހިފުމުގެ ގޮތުން ރޫސީންގެ ބިންތައް ޙިޞާރުކޮށް ޙަމަލާ ދޭން ފެއްޓިއެވެ. ޒާރ އިވާން ވަނީ މޮސްކޯ ސަހަރު ދިފާޢު ކުރުމަށްޓަކައި ރޫސީންގެ ދިހަހާސް ސިފައިން ޖަމާކޮށްފައެވެ.
މުސްލިމުންނަށް މޮސްކޯއަށް އާދެވުނީ 1571 ވަނަ އަހަރުގެ ބަހާރު މޫސުމުގެ ތެރޭގައެވެ. އުސްމާނީ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ކްރައިމިއާގެ ގަވަރުނަރު ދައުލަތު ޤިރާއީ އެއްވަނައެވެ. އުސްމާނީ ލަޝްކަރުން މޮސްކޯއަށް އަމާޒުކޮށް، ބޮޑު ބަޑިން ޙަމަލާދީ، އެ ސަހަރު އެއްކޮށް އަންދައި އަޅިއަށް ހަދައިލިއެވެ. އެއަށްފަހު މުސްލިމް އަސްވާރުން މޮސްކޯއަށް ވަދެ، އެ ސަހަރުގެ މަގުތަކާއި، ގޯޅިތަކުގައި ރޫސީ ސިފައިންނާއި ހަނގުރާމަ ކުރިއެވެ.
އުސްމާނީ ލަޝްކަރުން ވަނީ ރޫސީވިލާތުގެ ސިޔާސީ އަދި ތާރީޚީ އެންމެ ބޮޑު އެއް ރަމްޒު ކަމަށްވާ ކްރެމްލިން އަންދާލައި، ކްރެމްލިންގެ މަތީގައި ރަނުން ހަދާފައިވާ ޞަލީބު ވައްޓާލާފައެވެ. އުސްމާނީ ލަޝްކަރުން ވަނީ، އެ ހަނގުރާމައިގައި ރޫސީވިލާތުގެ ލައްކައަކަށް ވުރެ ގިނަ ސިފައިން މަރާލާފައެވެ. އެ ހަނގުރާމައިން ރޫސީ ސިފައިން ހުތުރު ބައްޔަކުން ބަލިވެ، ބާކީތިބި ރޫސީ ސިފައިން އެމީހުންގެ ޝެހެންޝާހު އިވާން އާއި އެކު ފިލައިގެން ދިޔައީއެވެ.
މިއީ އޭރު މުސްލިމުންގެ ވެރިކަމުގެ ދަށުގައި އޮތް ޔޫކްރޭނަށް ރަޝިޔާއިން ހަމަލާދިނުމުން މުސްލިމުން ކަންތައް ކުރި ގޮތެވެ.
މުސްލިމުން އާރާއި، ބާރުހުރި ޚިލާފަތެއްގެ ދަށުގައި ތިބިއިރު، ޢަރަބިންނާއި، މުސްލިމުންގެ އާރާއި، ބާރާއި، މަތިވެރިކަން، ހުރި ގޮތަކީ މިއީއެވެ. ތާރީޚުގެ ސަފުޙާތަކުން ޢިބުރަތް ޙާޞިލުކޮށް، އަޅުގަނޑުމެން މުސްލިމުން އިހުއޮތް އާރާއި، ބާރަށް އެނބުރި ދާނީ ކޮން އިރަކުން ހެއްޔެވެ؟
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.