Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދެ އިންތިހާބު ދެމެދު އޮންނަނީ ސަރުކާރަށް ޖެއްސުންކުރާ 6 މަސް

ތައިލޭންޑްގައި ހުންނަވާ ރާއްޖޭގެ ސަފީރު ފުއާދު ތައުފީގު.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވެސް ތާއީދުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު "އެމްއެމްޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މުޅި ގައުމަށް އޭގެ ފައިދާ ލިބިގެންދާކަމަށެވެ.

"ދެ އިންތިހާބު ދެމެދު އޮންނަ ހަ މަސް މިހާރު ވެފައި މި އޮތީ ހަނގުރާމައިގެ ހަ މަހަށް. ސަރުކާރަށް ޖެއްސުން ކުރުމުގެ ހަ މަހަށް. ދެ އިންތިބު އެއް ދުވަހެއްގައި ބާއްވަންވީ އެ ހަ މަސް ދުވަހު ސަރުކާރަކަށް މަޖިލީހުގެ އެއްބާރުލުން ނުލިބޭތީ އެ މައްސަލަ ހައްލުކުރަން،" ފުއާދު ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ވެސް މިކަމާ ގުޅޭ ނުރަސްމީ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެކަން ހަނދާން ނައްތާލީ ކަމަށް ފުއާދު ވިދާޅުވި އެވެ.

"އޭރުވެސް ދަންނަވާފައިވާނެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ކަންކަން އަވަސްކުރަންވީ ނޫންތޯއޭ. ދެން އަންނަ ސަރުކާރަކަށް ވެސް ފަސޭހަވާނެ ނޫންތޯއޭ މިގޮތަށް ކަން ކުރެއްވީމަ،" ފުއާދު ވިދާޅުވި އެވެ.