މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނުގެ މީނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ' އަންހެން ކުދިންގެ ސްކޫލަށް އަމާޒުކޮށް ދިން ނުރައްކާތެރި ވައިގެ ހަމަލާ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
"ބައިނަލްއަޤުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު އަމަލެއް" މި މައުޟޫއަށް ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގައި ވާހަކަފުޅުދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލެބަނަން މިހާރު އޮތް ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ އިސްރާއީލު ކަމަށް އެކަމަނާގެ ތަޤުރީރުގައި ފާހަގަކުރެއްވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ދިވެހިރާއްޖެއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލާފައިވެ އެވެ.