Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 634 މިލިއަން

މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި ދައުލަތުން 634 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ޖުމްލަ 634 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 537 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ޖުމްލަ 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި މިކަމަށް 2.1 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަހަރު ނިމުނުއިރު ބަޖެޓަށްވުރެ އިތުރަށް 8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފިނޭންސްގެ ހިސާބުތަކުން އެނގެ އެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ.