ސިނަމާލެ ބުރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް މައްސަލައެއް ފުލުހުން ބަލަން ފަށައިފު އެވެ.
މިކަން ސޯޝަލް މީޑިއާގައި ބަޔަކު ހިއްސާކުރުމާ ގުޅިގެން ފުލުހުންގެ ސަމާލު ކަމަށް އައިސް އެކަން މިހާރު ބަލަން ފަށާފައިވާ އިރު، ފުލުހުން ބުނީ ބްރިޖްގެ ދަށުގައި ދިރިއުޅެނީ ބިދޭސީންތަކެއްކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މިފަދަ މައްސަލަތަކުގައި އިޖުތިމާޢީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ޙިމާޔަތް ކުރުމަށްޓަކައި ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އަދި މިކަމާ ގުޅިގެން ހަމައެކަނި ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މިކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް ފުލުހުންނާ ހިއްސާކޮށް ދޭން ވެސް އެދިފައިވެ އެވެ.