ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ބަލާ އިރު، ގިނައީ އަންހެނުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީގެ ޓޫެރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، އަހަރުގެ މިހާތަނަށް 600،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، އޭގެ ތެރެއިން 53.9 ޕަސެންޓަކީ އަންހެން ޓޫރިސްޓުންވެ. އަދި މީގެ އެންމެ ގިނައީ އުމުރުން 45-54 އަހަރާ ދެމެދުގެ ޓޫރިސްޓުންވެ. މި އުމުރުގެ ޓޫރިސްޓުންގެ 13.1 ޕަސެންޓަކީ އަންހެނުންވެ. ފިރިހެން ޓޫރިސްޓުންގެ ނިސްބަތަކީ 9.5 ޕަސެންޓެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ދެން އެންމެ ގިނައިން ޒިޔާރަތްކުރީ އުމުރުން 55-64 އަހަރާ ދެމެދުގެ ޓޫރިސްޓުންވެ. މި އުމުރުފުރާގެ ޓޫރިސްޓުންގެ 11.1 ޕަސެންޓަކީ އަންހެންނެވެ. ފިރިހެނުންގެ ނިސްބަތަކީ ވެސް 9.5 ޕަސެންޓެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 16 ޕަސެންޓަކީ 14 އަހަރުން ދަށުގެ ކުދިންނެވެ. އަދި އުމުރުން 15-24 އަހަރާ ދެމެދުގެ ޓޫރިސްޓުންގެ ނިސްބަތަކީ 14.1 ޕަސެންޓެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. ދެވަނައިގައި ރަޝިއާ އޮތް އިރު، ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.