Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކަރިޝްމާ ރާއްޖޭގައި

އިންޑިއާގެ ބަތަލާ ކަރިޝްމާ ތަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެެވެ.

ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ބަތަލާގެ ސޯޝަލް މީޑިއާގައި އޭނަ ހުރި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައިވެ އެވެ. އެކަމަކު އެއީ ކޮން ރިސޯޓެއް ކަމެއް އެ ޕޯސްޓްތަކަކުން ނޭނގެ އެވެ. ކަރިޝްމާއާ އެކު ފިރިމީހާ ވަރޫން ބަންގޭރާ ވެސް ރާއްޖެ އައިސްފައިވެ އެވެ.

އުމުރުން މިހާރު 42 އަހަރުގެ ބަތަލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، އޭނަ މިހާރު އަންނަނީ ފިލްމު މޮމް 2 ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ފަހު ފިލްމު ކަމަށްވާ 2017 ގެ މޮމްއާ ގުޅުވައިގެން އޭނަގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ލީޑަށް ލައިގެން، އޭނަގެ ބައްޕަ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގިރިޝް ކޯލީ ޑައިރެކްޓްކުރާ މޮމް 2 ގެ ކާސްޓްގައި މަޝްހޫރު ބެންގާލީ އެކްޓަރު ޖިއްޝޫ ސެންގުޕްތާ ވެސް ހިމެނެ އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ކަރިޝްމާ އަކީ މަޝްހޫރު ޓީވީ ތަރިއެކެވެ. އޭނަ މިހާތަނަށް ވަރަށް ގިނަ ޓީވީ އުފެއްދުންތަކާއި ބައެއް ވެބް ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.