އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ "އަނެއް ދިވެހިރާއްޖެ" އަށް މިސްރާބު ޖަހަން މިހާރު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.
މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާނުގެ ހުޅުމާލެ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުން ނުވާ ކަމަށާއި އަނެއް ދިވެހިރާއްޖޭގެ ކަންކަން ހުރިގޮތް އެންމެ ބޮޑަށް މީގެކުރިން ކިޔައިދެއްވަމުން ގެންދެވީ ވެސް ޔާމީން ކަމަށެވެ.
އެގޮތުން އަނެއް ދިވެހިރާއްޖޭގައި ފަނޑިޔާރުން ވަގަށް ނަގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކުރެވޭނެ އަދި އެ ރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރުމުދާ ވެސް ވިއްކާނެ ވާހަކަ ޔާމީން މީގެކުރިން ވިދާޅުވި ކަމަށާއި ނަމަވެސް ރޭ ޔާމީން ގޮވާލެއްވީ އެ ދިވެހިރާއްޖެއަށް ދާންޖެހޭ ވާހަކަ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ވެރިކަމުގެ ބޫތު ކައިފައި ތިއްބަވައިގެން ހަމަ ކޮންމެ ރާއްޖެއަކަށް ވެސް އަޅުގަނޑުމެން ގެންގޮސްދާނެ. އަޅުގަނޑުމެން ބޭނުމެއް ނޫން އަނެއް ދިވެހިރާއްޖެއަށް ދާކަށް،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވަނީ އަމާޒު ހިފަންވީ "ދިވެހިންގެ ރާއްޖޭގައި" މިނިވަންކަމާއެކު އުޅެވޭތޯ ބަލަން ކަމަށާއި އެ ރާއްޖޭގައި ދިވެހިންގެ އިޖުތިމާއީ ރައްކާތެރިކަމާއި އަދި ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ވެސް ލިބޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.