ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް 60 ޕަސެންޓް ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުތަކުން ފެނިވަޑައިގަތީ، ވޯޓުލާ 60 ޕަސެންޓް މީހުން، އެ ވޯޓަށް ނޫނެކޭ ބުނާނެކަން ކަމަށެވެ.
އެ ވޯޓަށް އާނއެކޭ ބުނެގެން ރައްޔިތުންގެ އަތުން ގެއްލޭނެ އެންމެ ބޮޑު އެކައްޗަކީ ބަސް ބުނުމުގެ ބާރު ކަމަށާއި އެގޮތުން ސަރުކާރާ އެއްކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ކުރާނެހާ ވެސް ކަމަކީ "ރެ އާއި ދުވާލު ނިޒާމުތައް ފުނޑުފުނޑުކޮށް،" އަދި ބާރުތައް ޖަމާކުރުން ކަމަށް އިބޫ ވިދާޅުވި އެވެ.
"ހަމައެކަނި މި ސަރުކާރާ ދޭތެރޭގައި ޖަވާބުދާރީ ކުރެވެން އޮތް ގޮތަކީ ރައްޔިތުންގެ އަތްމައްޗަށް މި އަރާ ކަރުދާސްކޮޅު. އެކަން އެ ހުއްޓުވީ،" އިބޫ ވިދާޅުވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ނިޔަތް ސަރުކާރުގައި ނެތް ކަމަށެވެ. އަދި ރައްޔިތުންގެ އަތުގައި އޮތް ބަސްބުނުމުގެ ބާރަށްޓަކައި އެ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.