Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ޕީއެންސީން ދެވަނަ ދައުރެއް ހޯދާނެ، އެމްޑީޕީއަށް ކުޅި ދައްކާލަން ވާނެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރިޔާސީ ދެވަނަ ދައުރެއް ޕީއެންސީން ކާމިޔާބުކުރާނެ ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ކުޅި ދައްކާލަން ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ރޭ ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ތަންފުކެއް ވެސް ދޫނުދީ ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

"މިފަހަރު ވާނެ ކުޅި ދައްކާލަން އެމްޑީޕީއަށް. ދެވަނަ ދައުރެއް ފުރަތަމަ ފަހަރަށް އިރާދަކުރެވިއްޔާ މި ރާއްޖޭގައި ކާމިޔާބުކުރާނީ ޕީއެންސީން،" ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ ކުރިންވެސް ރާއްޖެ ތަރައްގީ ކުރި ޓީމުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ ތަރައްގީގެ އެ ތަޖުރިބާ ހުރި ޓީމު އަދިވެސް އޮތީ ބަދަލެއް ނުވެ އެކީ ކަމަށެވެ. އެގޮތުން ތަރައްގީގެ ކަންކަން މިހާރު ކުރިއަށްގެންދަނީ ކުރިއަށް ވުރެ މާ ބާރަށް ކަމަށާއި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ "ދަރުވާލާފައި" ކަމަށް ސައީދު ވިދާޅުވި އެވެ.

ނަމަވެސް އެންމެ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށާއި އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ކުރިން ހުރި 200 މިލިއަން ޑޮލަރު އެމްޑީޕީ ސަރުކާރުން އެއް މިލިއަނަށް ހުސްކޮށްލާފައިވާއިރު މިހާރު އަލުން އެ ފަންޑުގައި 200 މިލިއަން ޑޮލަރު ހުރި ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

މީގެއިތުރުން ސައީދު ވަނީ ހޯރަފުއްޓަށް އަދިވެސް އެންމެ ރަނގަޅު ވާނީ ޕީއެންސީ ކަމަށާއި އެގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގޮވާލާފަ އެވެ.