Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ނަތީޖާ ނެރެވޭނެ އަޒުމާއި ހިތްވަރު އެބަހުރި: އަލައިކާ

ނަތީޖާ ނެރެދެވޭނެ އަޒުމާއި ހިތްވަރު އެބަހުރި ކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާން ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަލައިކާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި މަގާމަށް ކުރިމަތިލެއްވީ އާއިލާއެއް ބަދަހިކޮށް ބޭއްވުމަށް އާއިލާތަކުން ކޮންމެ ދުވަހަކު ތަހައްމަލުކުރަމުންދާ ކަންކަމަށް ނަޒަރިއްޔާތު ހިންގައި، މާލެ ސިޓީ ތަރައްގީ ކުރުމަށް އެންމެ އިސްކަންދޭ ކަމަކަށް އެކަން ހެދުމުގެ އަޒުމާއެކު ކަމަށެވެ.

"އަމަލީ ގޮތުން ނަތީޖާ ނެރެދެވޭނެ އަޒުމާއި ހިތްވަރު އަޅުގަނޑު ގައިގައި ހުރީތީވެ،" އަލައިކާ ވިދާޅުވި އެވެ.

ކެމްޕެއިންގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި "ބަދަހި އާއިލާ" ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ، ގައުމެއް ބިނާ ކުރުމާއި ތަރައްގީ ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ގައުމެއްގެ ސިޓީތަކާއި އާއިލާތައް ތަރައްގީވުން ކަމަށެވެ.

"އާއިލާތައް ތަރައްގީ ވާނީ އާއިލާތަކުގެ ގުޅުން ބަދަހިވެގެން. އާއިލާއެއްގެ ގުޅުން ބަދަހި ކުރުމަށް އެންމެ އިސް ދައުރެއް ބައްޕައެކޭ އެއްފަދައިން ނަގަނީ އަޅުގަނޑުމެން އަންހެނުން، މަންމައިން، އަނބިމީހާ އަދި ގޭގައި އުޅޭ އެހެނިހެން އަންހެނުން،" އަލައިކާ ވިދާޅުވި އެވެ.

މީގެއިތުރުން، މާލޭގެ މޭޔަރާއި ސަރުކާރާ ގުޅިގެން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ނުކުޅެއްދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ތަންތަން ގާއިމްކޮށް، އެފަރާތްތަކުގެ ހާލަތު ގާތުން ބެލޭނެ ނިޒާމެއް ގާއިމްކުރުމަކީ އަމާޒެއް ކަމަށްވެސް އަލައިކާ ވިދާޅުވި އެވެ.