Last Updated: July 11, 19:25
Saturday, July 11, 2026
މުނިފޫހިފިލުވުން

އެންމެ ފުރަތަމަ ބޭނުންވީ ކުރޮޅި ޑްރައިވަރަކަށް ވާން

ބޮޑުވަމުން އައި ދުވަސްވަރު އެންމެ ފުރަތަމަ ވާން ބޭނުންވީ ކުރޮޅި ދުއްވާ ޑްރައިވަރަކަށް ކަމަށް އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ބުނެފި އެވެ.

"ސަތިއާ" އާއި "ރަންގީލާ" އާއި "ބޫތު" އަދި "ސަރުކާރު" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ 63 އަހަރުގެ ޑައިރެކްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އުމުރުން 10 ވަރަކަށްް އަހަރުގައި އެންމެ ބޮޑު ހުވަފަނެއްގެ ގޮތުގައި ދެކެމުން އައީ ކުރޮޅި ޑްރައިވަރަކަށް ވާން ކަމަށެވެ. އަދި އެކަން ކުރާ ހިތްވީ ކުރޮޅީގެ އިންޖީނުން ކިޔާ އަޑު މާ ކަމުގޮސްގެން ކަމަށް ބުންޏެވެ.

ދެން އުމުރުން 15 ވަރަކަށް އަހަރަށް އެޅުނު އިރު، ކުރޮޅި ޑްރައިވަރަކަށްވުމުގެ ޝައުގުވެރިކަން ގެއްލި، ބޭނުންވީ ޖަންގަލި ތެރޭގައި އުޅެން ކަމަށް އާރްޖީވީ ބުންޏެވެ. އަދި އޭގެ ފަހުން އިންޖިނިއަރަކަށް ވާން ބޭނުންވި ކަމަށް ވެސް ބުންޏެވެ.

އާރްޖީބީ ބުނި ގޮތުގައި ފަހުން ފިލްމު ޑައިރެކްޓަރަކަށް ވެވުނީ ފޮތްތަކާއި ފިލްމުތަކަށް ޖެހުނު ލޯބީގެ ސަބަބުންނެވެ. އެގޮތުން ލިޔުންތެރިން ކަމަށްވާ ޖޭމްސް ހޭޑްލީ ޗޭސް އާއި ފްރެޑިރިކް ފޯސީތުގެ އިތުރުން އެނިޑް ބްލީޓަން ފަދަ ލިޔުންތެރިންގެ ފޮތްތަކުގެ ސަބަބުން ވިސްނުމާއި ފިކުރު ވަރަށް ބޮޑަށް ބަދަލުވި ކަމަށް ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ. އަދި ފިލްމުތައް ކަމަށްވާ "ގޯޑްފާދާ" އާއި "ދަ ސައުންޑް އޮފް މިއުޒިކް" ގެ އިތުރުން "ދި އެކްޒޯސިސްޓް" ފަދަ ފިލްމުތަކަަކީ ޑައިރެކްޝަނަށް ލޯބި ޖެހުނު ސަބަބުތައް ކަމަށް އާރްޖީވީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި މިހާތަނަށް ހެދި ގިނަ ފިލްމުތަކަކީ ކިޔާފައިވާ ފޮތްކާއި ބަލައި ހިތް ދޫވެފައިވާ ފިލްމުތަކުން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމުތަކެވެ. ވަކިން ހާއްސަކޮށް އަމިއްލަ ކެރިއަރުގައި ހޮލީވުޑްގެ މަޝްހޫރު ފިލްމު "ގޯޑްފާދާ" ގެ ނުފޫޒު ވަރަށް ބޮޑު ކަމަށް އާރްޖީވީ ބުންޏެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމަކީ ހޮރޯ-ޖޯންރާގެ "ސިންޑިކޭޓް" އެވެ. ދާދި ފަހުން އާރްޖީވީ އޭނަގެ "ސަރުކާރު" ފިލްމު ސީރީޒްގެ ހަތަރު ވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ވެސް އިއުލާންކޮށްފަ އެވެ.

އޭނަ އަކީ ހިންދީ ފިލްމުތަކުގެ އިތުރުން ތެލެގޫ އަދި ކަންނާޑާ ފިލްމުތަކެއް ވެސް ހަދާފައިވާ ޑައިރެކްޓަރެވެ. އާރްޖީވީ އަކީ ހަމައެކަނި ޑައިރެކްޓަރެއް ނޫނެވެ. އޭނަ އަކީ ސްކްރީން ރައިޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ.