ގދ. މަޑަވެލީގައި އަޅަން ނިންމި 50 ހައުސިން ޔުނިޓްގެ ބިންގާ އަޅއިފި އެވެ.
އެ މަޝްރޫއު މިއަދު ފައްޓަވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
މަޑަވެލީގައި ހަދާ ހައުސިން ޔުނިޓް މަޝްރޫއުގެ ކޮންޓްރެކްޓަރަކީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގަ އެވެ. މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ހަދަން ނިންމާފައި ވަނީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތައް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިއަދު ވަނީ މަޑަވެލީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ. އެއީ 400 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 174.5 މިލިޔަން ރުފިޔާއަށެވެ.
އެމްޓީސީސީން ބުނީ މ ި މަޝްރޫޢުގެ ދަށުން، 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެވެ.